ރައީސް ނަޝީދަށް ކޮލަމާފުށިން ހޫނު މަރުހަބާއެއް ކިޔައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށިން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ އެތައް ސަތޭކަ އާންމު މެންބަރުންނާ އެކު މިއަދު މެންދުރުފަހު 3.30 ގައި ކޮލަމާފުއްޓަށް ވަޑައިގެންނެވި އިރު، އެމަނިކުފާނަށް ކޮލަމާފުށީގެ 3 ދޯންޏެއްގައި އެމްޑީޕީގެ ސަޕޯޓަރުން ގޮސް އެމަނިކުފާނާއި، އެމްޑީޕީ މެންބަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވަނީ ހުވަދޫ ކަނޑު ނިމޭ ހިސާބުން ގއ.ގެ އަތޮޅުވަރިންނެވެ. އެމްޑީޕީގެ ދިދަތަކާއި، ރީނދޫ ކުލައިގެ ފޮތިތަކާއި ބެނާރަތަކުން ޒީނަތްތެރިކޮށްފައިވާ ރަސްއައިން ދޯންޏާއި، އޮއިބާނި ދޯނި އަދި ނޫމަސް ދޯނި އެމްޑީޕީގެ ވަފްދު ދަތުރުކުރަމުންދިޔަ 5 ދޯންޏާއި ކައިރިކޮށް ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ކަނޑުމަތީގައި ޝުއޫރުފާޅުކޮށްފައިވެއެވެ.

އެމްޑީޕީގެ ޓީމާއެކު ރައީސް ނަޝީދު ކޮލަމާފުއްޓަށް ވަޑައިގެންނެވި އިރު، އެރަށުގެ އެތައް ސަތޭކަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖެޓީ ސަރަހައްދަށް އެއްވެފައިވާ ކަން ފާހަގަކުރެވެއެވެ.

ކޮލަމާފުއްޓަށް ފައިބާ ވަޑައިގެން ރައީސް ނަޝީދުގެ ދަތުރުފުޅަށް ޚާއްސަކޮށް “އޮޅަދިޔަ ކެފޭ” ސަރަހައްދުގައި ހަދާފައިވާ މަރިޔާދުގެއަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ޕާޓީގެ އިސް ފަރާތްތަކާއި އެކު ރައީސް ނަޝީދު ވަޑައިގެންނެވިއެވެ. އަދި މަރިޔާދުގޭގައި އެމްޑީޕީގެ ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވައި ހާލުއަހުވާލު އައްސަވައި ހެއްދެވިއެވެ.

އެމްޑީޕީން ވައުދުގެ ދަތުރުގެ ނަމުގައި ފަށާފައިވާ މި ދަތުރުގެ އިފްތިތާހީ ޖަލްސާ މިރޭ 9 ޖަހާއިރު ކޮލަމާފުށީ ބަނަދަރު ސަރަހައްދުގައި ބާއްވާއިރު، މިރޭ 7 ޖަހާއިރު އެރަށު އެމްޑީޕީ ސަޕޯޓަރުންގެ ފަރާތުންދޭ ސަގާފީ ކެއުމެއް އެސަރަހައްދުގައި އޮންނާނެއެވެ. އަދި މިހާރުވެސް އެރަށުގައި ދޮރުންދޮރަށް ކެމްޕެއިންކުރުން ދަނީ ހިނގަމުންނެވެ.

ކޮލަމާފުއްޓަށް ފަހު، މާދަމާ ހެނދުނު މިޓީމް ކޫޢްޑޫއަށް ފުރާނެއެވެ. އަދި ވިލިނގިލީގައި މާދަމާރޭ ވައުދުގެ ދަތުރުގެ 2 ވަނަ ޖަލްސާ ބާއްވާނެއެވެ