ވަޢުދުގެ ދަތުރުގެ ބައިވެރިންނަށް ހޫނު މަރުޙަބާއެއް ކިއުމަށް ގއ. ކޮލަމާފުށިން ތައްޔާރުވެއްޖެ

ވަޢުދުގެ ދަތުރުގެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިއުމަށް ގއ. ކޮލަމާފުށިން ތައްޔާރުވަމުން އަންނަ ކަމަށް އެރަށުގެ ކުރީގެ ކައުންސެލަރ އަޙްމަދު ރަޢުފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އިންތިޙާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާ އެކު އެމްޑީޕީން އިއްޔެ ފެށި ވަޢުދުގެ ދަތުރުގައި މިއަދުގެ ވަގުތެއްގައި ކޮލަމާފުއްޓަށް ގާތްކުރާ އިރު، ދަތުރުގެ ބައިވެރިންނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ ބަނދަރު މަތި އެމްޑީޕީގެ 500 ދިދަ ޖަހައި، 100 ބޮޑު ބެނާ ދަމައި ޒީނަތްތެރިކޮށްފައިވާ ކަމަށް ރަޢުފް ވިދާޅުވިއެވެ.

ރަޢުފް އިތުރަށް ވިދާޅުވީ، މިއަދު އެރަށަށް ދާ އެމްޑީޕީގެ ވަޢުދުގެ ދަތުރުގެ ބައިވެރިންނަށް މަރުޙަބާ ކިޔާނީ ވަރަށް ތަފާތުކޮށް، އާދަޔާ ޚިލާފް ގޮތަކަށް ކަމަށެވެ. އަދި ބައިވެރިންނަށް ޚާއްސަކޮށްގެން މިރޭ 7 ޖަހާއިރު ޘަޤާފީ ދިވެހި ކެއުމެއް ވެސް އަރުށައި ތައްޔާރު ކުރެވެމުންދާ ކަމަށް ރަޢުފް ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ވަޢުދުގެ ދަތުރަށް ޚާއްސަކޮށްގެން އެރަށުގައި ވަނީ މަރިޔާދުގެއެއް ވެސް ހަދާފައެވެ.

300ށް ވުރެން ގިނަ ބައިވެރިންނާއި އެކު އެމްޑީޕީން ކުރާ ވަޢުދުގެ މި ދަތުރުގައި ކޮލަމާފުއްޓަށް ދެވޭނޭކަމަށް ލަފާ ކުރެވެނީ، މިއަދު މެންދުރު 3 ޖަހާކަށް ހާއިރުއެވެ.