ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް އެންމެ ދެކުނުގެ 4 އަތޮޅަށް ކުރުމަށް ހަމަޖައްސާފައިވާ ވަޢުދުގެ ދަތުރު މިއަދު ހަވީރު 4 ޖަހާއިރު މާލޭން ފެށޭނޭކަމަށް ޕާޓީ އޮފީހުން ހާމަކުރައްވައިފިއެވެ.
ޕާޓީ އޮފީހުން މަޢުލޫމާތުދެއްވި ގޮތުގައި މި ދަތުރުގައި ބައިވެރިވުމަށް 300 އަށް ވުރެން ގިނަ ފަރާތްތަކުން ނަން ނޯޓުކޮށްފައިވާއިރު އެ ހުރިހާ ފަރާތްތަކަށް ވެސް ވަނީ ބައިވެރިވުމުގެ ފުރުސަތު ދެއްވާފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާރޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާއި، ޚާއްސަ ޖަލްސާތަކާއި، މައުލޫމާތުގެ ސެޝަންތަކާއި އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ އެކު ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެއެވެ.
ދަތުރަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ޕާޓީން ވަމުން ގެންދާއިރު، މި ދަތުރުގައި ބައިވެވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް ޓީ ޖެޓީއަށް ޙާޒިރުވުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.