ކޯނީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް ތަންފީޒް ކުރުމަށް ބާރުއެޅުމުގެ ގޮތުން މަޖިލިސް ޖަލްސާތަކުގައި ބައިވެރިވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި

ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ (ކޯނީ)ގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް ތަންފީޒުކުރުމަށް ބާރުއެޅުމުގެ ގޮތުން މާދަމާ ފެށޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށްފަހު އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙަންމަދު ޞޯލިޙް (އިބޫ) ވިދާޅުވީ މަޖިލިސް މެދުކެނޑިފައި އޮތް ދުވަސްވަރު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ އެކު ދެތިން ފަހަރަށް ބައްދަލުކުރެއްވި ކަމަށެވެ.އަދި މަޖިލީހުގެ ކޮމިޓީތަކަށް ކޯނީގެ ރިޕޯޓު ފޮނުއްވައިފި ކަމަށް ޝާހިދު ވިދާޅުވި ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އިބޫ ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މަޖިލިސް ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޝަރުއީ ދާއިރާ އިސްލާޙްކުރުމަށް ކުރަންޖެހޭ ކަންތައް ކުރުމާއި، ފެބްރުއަރީ 6،7 އަދި 8 ގައި ގާނޫނާއި ގަވައިދާއި ޚިލާފް އަމަލުކޮށްފައިވާ ފުލުހުންގެ މައްސަލަތައް ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްގެން ކަމަށް ފެންނާތީ އެ މަސައްކަތްތައް ކުރުމަށް ބާރުއެޅުމަށް މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެމްޑީޕީން ބައިވެރިވާނޭ ކަމަށެވެ.

އެހެން ނަމަވެސް ކޯނީގެ ރިޕޯޓުގައިވާ ކަންތައްތައް ތަންފީޒުކުރުމަށް މަޖިލީހުގެ ތެރެއިން އެކަށީގެންވާ މަސައްކަތް ނުކުރާ ނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނޭ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީއަށް ހުށަހަޅާފައިވާ އެހެނިހެން މައްސަލަތައް މަޑުޖައްސާލުމަށް ފަހު، ޖުޑީޝަރީއަށް ގެންނަންޖެހިފައިވާ އިސްލާހުތައް ގެނައުމުގެ މަސައްކަތް އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް އިބޫ އިލްތިމާސްކުރެއްވިއެވެ.

މިއަދުގެ ނޫސް ކޮންފަރެންސް ގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޖިލީހުގެ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ކުރިޔަށްދާނަމަ އެމްޑީޕީން އަބަދުވެސް އެއްބާރުލުންދޭނޭ ކަމަށް މޫސަ ވިދާޅުވިއިރު، އަލީ ވަހީދު ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާއާ މެދު ހިންހަމަޖެހިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ފަރާތުން މަޝްވަރާގެ މަގު ޚިޔާރުނުކުރާ ކަމަށާއި، މަޝްވަރާގެ މަގުން ސިޔާސީ ހައްލު ހޯދުމަށް އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް މަޖިލީހުގެ މިފެށޭ ދައުރަކީ ޑރ.ވަހީދުގެ ކޯލިޝަން ރޫޅިގެންދާނޭ ދައުރު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެ ކޯލިޝަން ރޫޅާލުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ކުރީގެ ރައީސުންނަށް ލިބިދޭންޖެހޭ އިނާޔަތާއި، ހިމާޔަތާއި ރައްކާތެރިކަން މި ސަރުކާރާ ހަވާލުގެން ތިބި ފަރާތްތަކުން ފޯރުކޮށްނުދޭ ކަމަށާއި، އެގޮތުން އެމަނިކުފާނަށް ޖެހިޖެހިގެން ކޯޓަށް ވަޑައިގަތުމަށް ދަންނަވައި، އެމަނިކުފާނުގެ ކެމްޕެއިނަށް ހުރަސްއެޅުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވެ، މިއަދުގެ ނޫސް ކޮންފަރެންސްގައި އަލީ ވަހީދު ވަނީ ހަމަހަމަ ގޮތުގައި ގާނޫނުގައި ބުނާ މަފްހޫމްގައިވާ ޖާގަ ރައީސް ނަޝީދަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޓޫފޯރވަން ކޮމިޓީއަށް އިލްތިމާސްކުރައްވާފައެވެ.