ރައީސް ނަޝީދުގެ މައްޗަށް އަބްދުﷲ ރިޔާޒް ކޮށްފައިވާ ދަޢުވާގެ އަޑުއެހުން ކެންސަލްކޮށްފި

“ބާޢީ” އޭ ގޮވިކަމަށް ބުނެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮމިޝަނަރ އޮފް ޕޮލިސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުﷲ ރިޔާޒް ދައުވާކުރައްވާ މައްސަލަ ކޯޓުން ކެންސަލް ކުރެއްވީކަމެއް ނުވަތަ ފަސްކުރެއްވީކަމެއް، މައްސަލަ ރައްދުވާ ފަރާތަށް ކޯޓުން އަންގާފައި ނުވާކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ހާމަކުރައްވައިފިއެވެ.

މިއަދު ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ ދަޢުވާ އަބްދުﷲ ރިޔާޒްގެ އެދިވަޑައިގަތުމުގެ މަތިން ފަސްކޮށްފައިވާ ކަމަށް ބައެއް އޮންލައިން ނޫސްތަކުގައި ހާމަކޮށްފައި ވާތީ އެކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ސިޓީ ކައުންސިލް ހޯލްގައި މިއަދު ބޭއްވެވި ނޫސް ކޮންފަރެނެސެއްގައި އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ އަލްއުސްތާޛާ ހިސާން ޙުސައިން ވިދާޅުވީ، ޤަވާޢިދުގައި ވާގޮތުން އަޑު އެހުމަކަށް ޙާޒިރުވެވެން ނެތްކަމުގައި ވާނަމަ އެއްގަޑިއިރު ކުރިން އެކަން ކޯޓަށް އަންގަން ވާނޭކަމަށާއި އެއަށް ފަހު ކޯޓުން މައްސަލަ ރައްދުވާ ފަރާތަށް އަޑުއެހުން ފަސްކުރިކަން އަންގަވާނޭކަމަށެވެ.

“އަޅުގަނޑުމެންނަކަށް ކޯޓުން ނާންގާ ފަސްކުރެއްވި ކަމެއް ވެސް. އަޅުގަނޑުމެންނަށް ވެސް އެނގުނީ މީޑިޔާގެ ބައެއް ވަޞީލަތްތަށް މެދުވެރިކޮށް. އަޅުގަނޑުމެންނަށް ދަޢުވާއާއި ގުޅޭލިޔުންތައް ވެސް މިއަދާ ހަމައަށް ވެސް ނުލިބޭ.” ހިސާން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ޤާނޫނީ ވަކީލް އަދި ރައީސް ނަޝީދުގެ ކެބިނެޓްގެ ޔޫތު މިނިސްޓަރ އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވީ، ފުލުސް އޮފީހުން ޖިނާޢީ މައްސަލައެއްގެ މިފަދަ އެހެން ކޭސްތަކެއް ތަޙްޤީގް ކުރާއިރު، ޕޮލިސް ކޮމިޝަނަރ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކޮށްފައިވާތީ ދަޢުވާއަކީ ކޮބައިކަން އަދިވެސް ރަނގަޅަށް ސާފުވެވަޑައި ނުގަންނަވާކަމަށެވެ.

” ބައެއް ފަރާތްތައް ހައްޔަރުކޮށް، ކޯޓަށް ޚާޒިރުކޮށް މުއްދަތު އެބަޖަހާ އެމީހުންގެ ޚިޔާލު ފާޅުކުރުމުން. ފުލުހުން ޖިނާޢީ މައްސަލަތައް ތަހުޤީގް ކުރާހެން ތަހުޤީގް ވެސް އެބަކުރޭ. އެހެން ވީމަ އަޅުގަނޑުމެން ބަލަން އެބަޖެހޭ ފުލުހުންގެ އިދާރާއިން ޤަބޫލްކުރާކަމަށް މިއީ ޖިނާޢީ މައްސަލައެއް ކަމަށް. އަނެއް ކޮޅުން މި ފެންނަނީ ކޮމިޝަނަރ އޮފް ޕޮލިސް މަދަނީ ބަދަލު ހޯދުމަށް ދަޢުވާކޮށްފަ. އެހެން ކަމުން ދަޢުވާ ސާފެއްނުވޭ އަދި.” ހަސަން ލަތީފު ވިދާޅުވިއެވެ.

މިއަދު 10 ޖަހާއިރު ބާއްވަން ފުރަތަމަ ޝެޑިއުލްކުރި އަޑުއެހެން 11:30ށް ފަސް ކުރުމަށް ފަހު ފަހުން އެ މައްސަލަ ފަސްކޮށްފައިވާކަމަށް ބައެއް ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައި ވެއެވެ.