ސީމެގްގެ ބަޔާނުގެ ދިވެހި ތަރުޖަމާ

28 ސެޕްޓެމްބަރ 2012

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ނިޔުޔޯކް 28 ސެޕްޓެމްބަރ 2012 ނިންމުމުގެ ބަޔާން

ދިވެހިރާއްޖެ

10. 11 ސެޕްޓެމްބަރ 2012 ވަނަ ދުވަހު (ސީމެގް) ވަޒީރުންގެ މެދުގައި ކުރިއަށް ގެންދެވުނު ޓެލެކޮންފަރަންސްގައި ދިވެހިރާއްޖޭގެ ހާލަތާމެދު ބަދަލުކުރެވުނު މަޝްވަރާތައް އިތުރަށް ކުރިއަށްގެންދެވުނެވެ. އަދި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން ބައްދަލުވުމަށް ވަޑައިގެން ހުށަހެޅުއްވި ބަޔާން ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަނެވުނެވެ.

11. ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލްގެ ހާއްސަ މަންދޫބު ސަރ ޑޮން މެކިނަން ކުރެއްވި މަސައްކަތްޕުޅަށް ސީމެގް ވަޒީރުންގެ ގްރޫޕުން ޝުކުރުދެންނެވިއެވެ.

12. 7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވީގޮތް ދެނެގަތުމަށް ދިވެހިރާއްޖޭގެ ސަރުކާރުން އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެފަރާތުން ނެރުނު ރިޕޯޓަށް ސީމެގް މިނިސްޓަރުން މަރުހަބާދެންނެވިއެވެ.

13. 7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސް ބަދަލުވި ބަދަލުވުމަކީ ގަނޫނީގޮތުންނާއި ދުސްތޫރީގޮތުން ސައްހަ ބަދަލެއްކަމުގައި ކޯނީ ރިޕޯޓުގެ ނިންމުމުގައި ބަޔާންކުރާކަން ސީމެގް ވަޒީރުން ފާހަގަކުރެއްވިހިނދު، އެބޭފުޅުން އިތުރަށް ފާހަގަކުރެއްވީ އެދުވަސްތަކުގައި ފުލުހުންގެ އަނިޔާވެރި އަމަލުތަކެއް ހިނގާފައިވާކަމަށާއި އެއަމަލުތައް އިތުރަށް ތަހްގީގުކުރަންޖެހޭކަމަށް ކޯނީ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމެވެ. އެތަހްގީގުތައް ކުރިއަށްގެންދެވޭ ގޮތާމެދު ދިވެހިރާއްޖޭގެ ސަރުކާރުން ނިންމާ ނިންމުތަކަށް ސީމެގުން އިންތިޒާރުކުރާކަން ބަޔާންކުރެވުނެވެ.

14. ދިވެހިރާއްޖޭގެ ބައެއް އިސް މުއައްސަސާ، ހާއްސަގޮތެއްގައި އަދުލުއިންސާފުގެ މުއައްސަސާ، ފުލުހުންގެ މުއައްސަސާ އަދި އިންސާނީ ހައްގުތަކާބެހޭ ކޮމިޝަން އިތުރަށް ވަރުގަދަކުރަންޖެހޭކަމަށް ކޯނީ ރިޕޯޓުން ލަފާއަރުވާފައިވާކަން ސީމެގް ވަޒީރުން ފާހަގަކުރެއްވިއެވެ. ކޯނީ ރިޕޯޓުން އަރުވާފައިވާ ލަފާގެމައްޗަށް ބިނާކޮށް އެރިޕޯޓު ބަޔާންކުރާ ހުރިހާކަމެއް، ހާއްސަގޮތެއްގައި އިސްވެބަޔާންކުރެވުނު މުއައްސަސާތަކުގެ މުސްތަގިއްލުކަމާއި ފެންވަރު ރަނގަޅުކޮށް ވަރުގަދަކުރުންފަދަ ކަންކަން ހިމެނޭގޮތައް، ތަންފީޒުކުރައްވާނޭކަމަށް ރައީސް ވަހީދު ދެއްވާފައިވާ އަހުދުކަށަވަރަށް ސީމެގް ގްރޫޕޮން މަރުހަބާދެންނެވިއެވެ.

15. ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް އިޖްރާއަތްތަކާއި މުއައްސަސާތައް ވަރުގަދަކުރުމުގައި ކޮމަންވެލްތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ސީމެގުން އަނެއްކާވެސް ތާއީދުކުރިއެވެ. ދިވެހިރާއްޖޭގެ އަދުލްއިންސާފުގެ ދާއިރާގެ މަސައްކަތުގެ ފެންވަރު ދިގުމުއްދަތެއްގެ ތެރޭގައި ވަރުގަދަކުރުމަށްޓަކައި ކޮމަންވެލްތު ސެކްރެޓޭރިއަޓޫން ހުށަހަޅާފައިވާ ފަންނީ އެހީތެރިކަމަށް ސީމެގް ގްރޫޕޮން ތާއީދުކުރިއެވެ. އިންތިހާބުތައް ހިންގުމާބެހޭ ދާއިރާއަށް ސެކްރެޓަރީ ޖެނެރަލް ހުށަހަޅުއްވާފައިވާ އެހީތެރިކަމަށްވެސް ސީމެގް ވަޒީރުން މަރުހަބާދެންނެވިއެވެ. މީގެއިތުރުން، ދިވެހިރާއްޖެއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުމުގައި ކޮމަންވެލްތާއި އެހެނިހެން ބައިނަލްއަގުވާމީ ފަރާތްތަކުން އެކުގައި މަސައްކަތްކުރަމުން ގެންދާކަން ފާހަގަކޮށް އެކަމަށް ސީމެގުން ޝުކުރުދެންނެވިއެވެ. ޑިމޮކްރެޓިކް މުއައްސަސާތަކާއި، ކޮމަންވެލްތުގެ ހަމަތަކާއި އުސޫލުތައް އިތުރަށް އަށަގެންނެވުމުގެ މަގްސަދުގައި ބިނާކުރަނިވި މަސައްކަތްތަކެއް ކަމާބެހޭ ފަރާތްތަކާއެކު ކުރުމަށް ތައްޔާރަށް ތިއްބެވިކަމަށް ސީމެގް ވަޒީރުން ތަކުރާރުކޮށް ބަޔާންކުރެއްވިއެވެ.

16. ދެމެހެއްޓެނިވިގޮތުގައި ގައުމުގެ މަސަލަސްކަން ހަމަމަގަށް ގެނުވައި، ބައިބައިވުންތަކާއި ހަމަނުޖެހުމުގެ މާހައުލަށް ހައްލެއްގެނައުމަށްޓަކައި ދިވެހިރާއްޖޭގެ ކަމާބެހޭ ހުރިހާ ފަރާތްތަކަކުން އެއްމަގްސަދެއްގައި މަސައްކަތްކުރަންޖެހިފައިވާކަން ސީމެގްގެ ވަޒީރުން އެބޭފުޅުންގެ ކަންބޮޑުވުމެއްގެގޮތުގައި ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. ނުހަނު މުހިއްމު ގާނޫނުތައް ވުޖޫދައްގެނައުމުގެ މަގްސަދު ހާސިލްކުރުމަށްޓަކައި މަޖިލީހުގެ މަސައްކަތައް އިތުރު ހުރަސްތަކެއް ނޭޅޭނޭމަގުން ކުރިއަށްގެންދިއުމުގެ މުހިއްމުކަން ސީމެގް ވަޒީރުން ފާހަގަކުރެއްވިއެވެ. އަދި، ހަމަނުޖެހުމާއި އަނިޔާވެރިކަމަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ކުރިއަށްނުގެންދިއުމަށް ސީމެގް ވަޒީރުން ތަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ.

17. އިތުބާރުހިފޭފަދަ އިންތިހާބަކަށް މަގު ތަނަވަސްވާފަދަގޮތަކަށް މަޝްވަރާތައް ކުރިއަށްގެންދިއުމުގައި ދެމިތިބޭނޭކަމުގެ އަހުދު ވެވަޑައިގަތުމަށް ސިޔާސީ ޕާޓީތަކުގެ ވެރިނަންނަށް ސީމެގް ވަޒީރުން ގޮވާލެއްވިއެވެ. ހުރިހާ ޕާޓީތަކާއި ވެރިންނަށް އެފަރާތްތަކުގެ އިންތިހާބީ ކެމްޕޭންތައް މިނިވަންކަމާއެކު ކުރިއަށްގެންދެވޭނޭ މަގު ކަށަވަރުކޮށް ބޭއްވުމުގެ މުހިއްމުކަން ސީމެގް ވަޒީރުން ގަދައަޅާ ބަޔާންކުރެއްވިއެވެ.

18. 2011 ވަނަ އަހަރު ބޭއްވި ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުން ސީމެގަށް ދިން އިތުރު ބާރުތަކާއި ކޮމަންވެލްތުގެ ހަމަތަކާއި އުސޫލުތަކަށް ރިއާއަތްކޮށް ބިނާކުރަނިވި، ރަނގަޅު، ފައިދާހުރިގޮތަށް ދިވެހިރާއްޖެއާއެކު އިތުރަށް މުއާމަލާތް ބަދަލުކޮށް މަސައްކަތްކުމުގައި ދެމިތިބުމަށް ސީމެގް ވަޒީރުން އެއްބަސްވެވަޑައިގަތެވެ. މިގޮތުން އަދުލުއިންދާފުގެ ދާއިރާއާއި ޑިމޮކްރަސީގެ އިޖްރާއަތުތައް ވަރުގަދަކުރުމަށާއި، މުއައްސަސާތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވުން ހާއްސަގޮތެއްގައި ހިމެނުމަށް ސީމެގުގެ ވަޒީރުން އެއްބަސްވެވަޑައިގަތެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ މަސްރަހު ހުރިނެތްގޮތުގެ ބަޔާން ސީމެގް ގްރޫޕަށް، ކުރިއަށްއޮތް ސީމެގްގެ ބައްދަލުވުން ހިމެނޭގޮތަށް، އަރުވަމުން ގެންދެވުމަށް ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ސީމެގް ވަޒީރުން އެދިވަޑައިގަތެވެ.

19. މިނިންމުމާއެކު ސީމެގު ވަޒީރުން އެއްބަސްވެވަދައިގަތީ ދިވެހިރާއްޖޭގެ ހާލަތު ބަލަމުންގެންދިއުމަށެވެ. އަދި، ދިވެހިރާއްޖޭގެ މައްސަލަ ސީމެގް އެޖެންޑާ ތައާރަފް “ސީމެގުން ބަލަމުންގެންދިއުމަށް ބޭނުންވާ” މައްސަލަތަކުގެ ދަށަށް ބަދަލުކުރުމަށެވެ. ދިވެހިރާއްޖެއާމެދު ސީރިއަސް ކަންބޮޑުވުމެއް މިވަގުތު ނެތްހިނދު، ކުރިއަށްއޮތް ސީމެގުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭއަށް ފުރިހަމައަށް ބައިވެރިވެވޭނޭ ފުރުސަތު އަލުން އަނބުރާ ދިވެހިރާއްޖެއަށް ލިބިދެވިފައިވުމުން އެބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުވުމަށް މަރުހަބާދަންނަވައި އެކަމަށް ވަރަށް އުފަލާއެކު އިންތިޒާރުކުރައްވާކަން ސީމެގް ވަޒީރުން ބަޔާންކުރެއްވިއެވެ.

ނިއުޔޯކް، 28 ސެޕްޓެމްބަރ 2012

ސީމެގް ބަޔާނުގެ ދިވެހި ތަރުޖަމާ