ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 116
ތާރީޚް: 29 ސެޕްޓެމްބަރ 2012 (ހޮނިހިރު)
ސީމެގްގެ އެޖެންޑާގައި ރާއްޖެ ނަގާފައިނުވާ ކަމަށް ބަޔާންކޮށް ކެނެޑާއިން ނެރެފައިވާ ނޫސްބަޔާނާ ގުޅޭ
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެޖެންޑާއިން ރާއްޖެ ނަގާފައި ނުވާ ކަމަށާއި، ސީމެގްގެ އެޖެންޑާ ރާއްޖެ ބާއްވަން އެހެން ގައުމުތަކާ އެކު ކެނެޑާ އިން މަސައްކަތް ކުރި ކަމަށް ބަޔާންކޮށް ކެނެޑާގެ ފޮރިން މިނިސްޓަރު ޖޯން ބެއަރޑް ނޫސް ބަޔާނެއް ނެރުއްވާފައިވާ ކަން މި ޕާޓީން ފާހަގަކުރަމެވެ.
މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ދަތުރުފުޅު ކުރެއްވުން މަނާކުރި ކަމުގެ ރިޕޯޓް މި މަހުގެ 25 ވަނަ ދުވަހު ލިބުމުން ކެނެޑާ އިން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަން ހާމަކޮށްފައިވެއެވެ. އަދި އެ ބަޔާނުގައި ރައީސް ނަޝީދާއި މިޕާޓީގެ އިތުރު 19 މީހަކާ މެދު ބޭއިންސާފުން ކަންތައްތައް ކުރާ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގެން ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ހަމައަށް ސީދާ ކެނެޑާގެ ޚާރިޖީ ވަޒީރު ޖޯންބެއަރޑް ގެންދެވި ކަމަށާއި އެކަމާ މެދު ޑރ. ވަހީދުއަށް ކުރިމަތި ކުރެއްވި ސުވާލުތަކަށް އެއްވެސް ގޮތެއްގައި ޖަވާބުދާރީވެވިފައި ނުވުމުން، އެކަން ހިނގަނީ އެކަން އޮންނަންވީ އުސޫލާއި ޚިލާފަށް ބޭއިންސާފުންކަން އިނގޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރުކުރުމަށް ކެނެޑާ އިން މަސައްކަތް ކުރާ އިރު، ޑިމޮކްރަސީގެ އަގުތައް ރާއްޖޭގައި ނެތެމުން ދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށާއި ޝަރުއީ ނިޒާމުގެ މިނިވަން ކަމާ މެދު ކޯނީގެ ރިޕޯޓްގައި ވެސް ވަރަށް ސީރިއަސް ގޮތެއްގައި ކަންބޮޑުވުންފާޅުކޮށް، އެކަން ފާހަގަކޮށްފައިވާތީ ރާއްޖޭގެ ޝަރުއީ ނިޒާމާއި މެދު ކެނޑާއިން އިންތިހާއަށް ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.
.
ކޮމަންވެލްތު ގަބޫލުކުރާ ޑިމޮކްރެޓިކް ހަމަތަކާއި، އުސޫލުތަކާއި، ޑިމޮކްރަސީގެ އަގާއި، އިންސާނީ ހައްގުތައް އަދި ގާނޫނުގެ ވެރިކަމުގެ އުސޫލަށް ރާއްޖޭން އަމަލުކުރާނެ ކަން ކަށަވަރުކުރުމަށް ޓަކައި ކޮންމެ ބައްދަލުވުމެއްގައި ކެނެޑާ އިން މި ކަންބޮޑުވުންތައް ވަރުގަދައަށް ފާޅުކުރަމުންދާނެ ކަމަށާއި، ރާއްޖޭގައި ހިންގާ ޑިމޮކްރަސީއާ ހިލާފު ހަރަކާތްތައް، ހާއްސަކޮށް، ފުލުހުން ކުރާ އަނިޔާ އާއި މަޖިލިސް މެންބަރުންނަށް ބިރު ދެއްކުން ފަދަ ކަންތައްތަކަށް ކެނެޑާއިން ބަލަމުންދާ ބެލުން ކުރިއަށް ގެންދާނެ ކަމުގައި ޖޯން ބެއަޑް ވިދާޅުވެފައިވާކަން މި ޕާޓީން އުފަލާއެކު ފާހަގަކުރަމެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ސީމެގްގެ އެޖެންޑާގައި ރާއްޖެ ބޭއްވުމަކީ، ރާއްޖޭގައި ހީނަރުވަމުންދާ ޑިމޮކްރަސީ ނަގަހައްޓައި ދަމަހައްޓައި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކޮންމެހެން މުހިންމު ކަމަކަށް ވާތީ، ސީމެގްގެ އެޖެންޑާގައި ރާއްޖެ ބޭއްވުމަށް ކެނެޑާއާއި، އެގައުމާއި އެކު އެކަމަށްޓަކައި މަސައްކަތްކުރި ހުރިހާ ގައުމުތަކަށް އެމްޑީޕީން އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ.
ކެނެޑާ އިން މިފަދަ ބަޔާނެއް ނެރެފައިވާ އިރު، އެގައުމަކީ ސީމެގްގައި ހިމެނޭ ގައުމެއްކަން ފާހަގަކުރަމެވެ.
ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް