ރާއްޖޭގެ ޝަރުއީ ނިޒާމަށް ގެންނަން ބައިނަލްއަޤުވާމީ ފަރާތްތަކުން ފާހަގަކޮށްފައިވާ އިސްލާހުތައް ގެނެވެންދެން ރާއްޖޭގެ ކޯޓުތަކުގެ ނިޒާމްގެ ތެރެއިން ކުރެވޭ ދައުވާތައް ބަލައިނުގަތުމަށް އެމްޑީޕީން ނިންމައިފި

ރާއްޖޭގެ ޝަރުއީ ނިޒާމްގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަ ކުރެވެމުންދާ ކަމާއި، ބައިނަލް އަޤުވާމީ އެކިއެކި ފަރާތްތަކުން ލިޔުއްވާފައިވާ ރިޕޯރޓްތަކުގައި ފާހަގަކޮށްފައިވާ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ މައްސަލަތައް އިސްލާހުކުރުމަށް މިހާތަނަށްވެސް އެއްވެސް ކަމެއް ކުރެވިފައިނުވާކަން ފާހަގަ ކުރެވޭތީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ގެންނަން ބައިނަލްއަޤުވާމީ ފަރާތްތަކުން ފާހަގަކޮށްފައިވާ އިސްލާހުތައް ގެނެވެންދެން ރާއްޖޭގެ ކޯޓުތަކުގެ ނިޒާމްގެ ތެރެއިން ކުރެވޭ ދައުވާތައް ބަލައިނުގަތުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ގަރާރަކުން ނިންމައިފިއެވެ.

ރައްޔިތުން އިންތިހާބުކޮށްފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށްފަހު ރައްޔިތުންގެ ގިނަބައެއްގެ މައްޗަށާއި، ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މައްޗަށާއި، ސިޓީ ކައުންސިލަރުންނާއި، މިނޫންވެސް އިންތިހާބުކޮށްފައިވާ ސިޔާސީ ވާދަވެރި އިސްފަރާތްތަކުގެ މައްޗަށް ބޮޑެތި ކުށްކުރިކަމަށް ބުނެ ސަރުކާރުން ޓެރަރިޒަމް ފަދަ ބޮޑެތި ކުށްކުށުގެ ދައުވާތައް ކުރަމުންދާ ދިއުމަކީ އިންސާފުގެ ނިޒާމުން ބޭރުގައި ސިޔާސީގޮތުން ވާދަވެރި ފަރާތްތައް ބަލިކަށި ކޮށްލައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ކާމިޔާބު ކުރައްވާނެކަމަށްވުމާއެކު އެފުރުސަތު ނަގާލުމަށް ކުރެވޭ ކަންތައްތަކެއް ކަމުގައި ދެކޭ ކަމަށް ރައީސް ނަޝީދުގެ ކެބިނެޓްގެ ފޮރިންގ މިނިސްޓަރ އަހުމަދު ނަސީމް ހުށަހަޅުއްވައި އެމަނިކުފާނުގެ ކެބިނެޓްގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ތާއީދުކުރައްވައި، އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ އަޣްލަބިއްޔަތުން މިއަދު ފާސްކުރި ގަރާރުގައި ވެއެވެ.

މީގެ އިތުރުން ވެސް ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތް ހިންގުމަށް އުފައްދާފައިވާ މެޖިސްޓްރޭޓުންގެ ޕެނަލް އުފައްދާފައިވާ ގޮތާއި، އެޝަރީއަތް ހިންގުމަށް ކަނޑައަޅާފައިވާ ކޯޓުގެ ޤާނޫނީ ސައްޚަކަމާއި ގުޅޭގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން 2012 ސެޕްޓެމްބަރ 26ވަނަ ދުވަހު ނެރުއްވި ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން އަދުލުވެރި އިންސާފުވެރި ޝަރީއަތެއް މިވަގުތު ރާއްޖޭގައި އުފައްދާފައިވާ އެއްވެސް ކޯޓެއްގައި ކުރެވިދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް މި ގަރާރުގައިވެ އެވެ.

އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ އަލީ ޝިޔާމް ރިޔާސަތު ބެލެހެއްޓެވި، މި ބައްދަލުވުމުގައި އޮކްޓޯބަރު 1 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ އެމްޑީޕީގެ ވައުދުގެ ދަތުރު ރޭވިފައިވާ ގޮތަށް ކުރިޔަށް ގެންދިއުމަށް މެންބަރުންގެ އަޣްލަބިއްޔަތުންވަނީ ފާސްކޮށްފައެވެ.

މިއަދު މެންދުރުފަހު އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމަކީ އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 128 ވަނަ ބައްދަލުވުމެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 128 ވަނަ ބައްދަލުވުމުގައި ފާސްކުރި ގަރާރު