މާދަމާގެ މުޒާހަރާއަށް ތައްޔާރުވުމަށް މިރޭ އުސްފަސްގަނޑުގައި ޚާއްސަ ޖަލްސާއެއް ބާއްވަނީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް މާލެއިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ހަދައި، އެމަނިކުފާނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، އާންމު މެންބަރުންނާ ދެކޮޅަށް އަނިޔާވެރި ދައުވާ ކުރާތީ މާދަމާ މުޅި ރާއްޖޭގައި ބާއްވާ މުޒާހަރާތަކަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ބާއްވާ ޚާއްސަ ޖަލްސާއެއް މިރޭ އުސްފަސްގަނޑުގައި އޮންނާނެއެވެ.

މިރޭގެ ޖަލްސާ ފެށޭނީ 10 ޖަހާއިރުއެވެ. ހުކުރު ދުވަހު ހަވީރު ފަށާ މުޒާހަރާ މާލޭގައި ފަށާނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ އުސްފަސްގަނޑުންނެވެ. ރަށްރަށުގައި މުޒާހަރާތައް ފެށޭނީ އެރަށެއްގެ އެމްޑީޕީ ހަރުގެ އިންނެވެ.
އަދި މި ޖަލްސާ އާއި މުޒާހަރާ ގައި އެމްޑީޕީގެ އެންމެހާ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދޭ އަދި ތާއީދުކުރާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެމްޑީޕީން ގޮވާލައެވެ.