އެމްޑީޕީއަށް ސުލްހަވެރި ސިޔާސީ ހަރަކާތްތައް ބޭއްވޭނޭ މާހައުލެއް ކަށަވަރުކޮށްދިނުމަށް އިލެކްޝަނުން ފުލުހުންނަށް ގޮވާލައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ސުލްހަވެރި ސިޔާސީ ހަރަކާތްތައް ބޭއްވޭނޭ މާހައުލެއް ކަށަވަރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް ގޮވާލައިފިއެވެ.

އެ ކޮމިޝަނުން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާއި ހަވާލުވެވަޑައިގެން ހުންނެވި ޢަބްދުﷲ ރިޔާޒަށް ފޮނުއްވައި އެމްޑީޕީ ސެކްރެޓޭރިޓަށް ކޮޕީކޮށްފައިވާ ސިޓީއެއްގައިވާ ގޮތުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ސުލްހަވެރި ކަމާއެކު ހިންގަމުން ގެންދަނިކޮށް އެ ހަރަކާތް ހުއްޓުވުމަށް ފުލުހުން ގަވައިދާއި ޚިލާފަށް ބާރުގެ ބޭނުން ހިފައި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައި އަދި އެމްޑީޕީގެ ބައެއް ތަކެތި އަތުލައި، އެތަކެތި ރައްދުނުކޮށް، ޤާނޫނު އަސާސީން ކޮންމެ ދިވެހިރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ފުލުހުން ނިގުޅައިގަންނަމުންދާ ކަމަށް އެމްޑީޕީން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެހެން ކަމުން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަން ކޮމިޝަނުން ފުލުހުންނަށް ގޮވާލާފައިވަނީ ހަމަހަމަކަމާއެކު ޢަމަލުކުރުމުގެ މިންގަނޑުން އެއްކިބާނުވެ، ސިޔާސީ ޕާޓީތައް އުފެދިފައިވާ މަޤްޞަދުތަކާ އެއްގޮތަށް ސުލްހަވެރިކަމާ އެކު ގާނޫނީ އިމުގެ ތެރެއިން އެމްޑީޕީއަށް ސުލްހަވެރި ސިޔާސީ ހަރަކާތްތައް ބޭއްވޭނޭ މާހައުލެއް ކަށަވަރުކޮށްދިނުމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސިޓީ