ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި މާލެ ވަޑައިގަތުމާއެކު، އެމަނިކުފާނު އަލުން މާލެއިން ބޭރަށް އެއްވެސް ރަށަކަށް ނުވަތަ ގައުމަކަށް ވަޑައިގަތުމަށް ހުރަސްތަކެއް ކުރިމަތިކުރުވައިފިއެވެ.
މިގޮތުން ރައީސް ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހަޅާފައިވުމާ ގުޅިގެން އެމަނިކުފާނު މާލެއިން ބޭރަށް އެއްވެސް ރަށަކަށް ނުވަތަ ޤައުމަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އެ ކޯޓުގެ ހުއްދަ ކުރިން ހޯއްދަވައިގެންކަމަށް “ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު” ގެ 23 އަދި 24 ވަނަ މާއްދާއަށް ހަވާލާދީ އެ ކޯޓުގެ އަމުރުގައިވެއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ގެ މައްޗަށް މިހާރު މިއޮތް ސަރުކާރުގެ ޑިފެންސް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ނާޒިމާއި ޕޮލިސް ކޮމިޝަނަރ ކަމުގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒް ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ އަބުރުގެ (‘ބާޣީ’ ގެ ނަމުން މުޚާތަބުކުރެއްވިކަމަށް ބުނާ މައްސަލައިގެ) ދަޢުވާއާ ގުޅިގެން 2 އޮކްޓޯބަރ 2012 ވަނަ ދުވަހަށް ސިވިލް ކޯޓްގެ ޝަރީޢަތްތަކަށް ހާޒިރުވެވަޑައިގަތުމަށް ވެސް އެމަނިކުފާނަށް ވަނީ ޗިޓް ފޮނުވާފައެވެ.