ނޫސް ބަޔާން: އެމްޑީޕީ މަތި އުތުރު ޕުރޮވިންސް އަދި އެމްޑީޕީ ދިއްދޫ ދާއިރާގެ ގުޅިފައިވާ ނޫސް ބަޔާން

މަތި އުތުރު ޕުރޮވިންސް އަދި ދިއްދޫ ދާއިރާ އަށް ނިސްބަތްވާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓު ގުރޫޕުގެ ހިވާގި، ރައްޔިތުންގެ ޙައްޤުގައި ކެރިގެން ވަކާލާތު ކުރައްވާ އިއްޒަތްތެރި މެންބަރު އަހުމަދު ސަމީރުގެ މައްޗަށް ސާބިތުނުހިފޭ ކަންކަން މަތިކޮށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން މައްސަލައެއް ތަހުޤީޤު ކުރަމުންދާކަމަށް ރިޕޯޓް ލިބިފައިވާތީ، އެމްޑީޕީގެ ދިއްދޫ ދާއިރާ އަދި މަތި އުތުރު ޕުރޮވިންސްގެ ފަރާތުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އަދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، މޯލްޑިވްސް ޕޮލިސް ސާރވިސްއިން މި ޕްރޮވިންސް އާއި ދިއްދޫ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުމަށާއި ބިރުދެއްކުމުގެ ބޭނުމުގައި ކުރަމުންދާ ކަންކަން ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ.
ބޮޑު ތިލަދުންމަތީގެ ހއ އަތޮޅުގެ ވެރިރަށްކަމަށްވާ ހއ ދިއްދޫގެ އިއްޒަތްތެރި މެންބަރުގެ މައްޗަށް ސާބިތު ނުހިފޭ ކަންކަމުގައި ތަހުޤީޤުކޮށް ބިރުދެއްކުމަށް ކުރަމުންދާ ފިނޑި އަމަލުގެ ސަބަބުން ހއ ދިއްދުއާއި ބޮޑު ތިލަދުންމަތީގެ އިސްލާހަށް ލޯބިކުރާ ދިވެހި ރައްޔިތުންގެ ސިޔާސީ ފިކުރު ބަދަލުވެގެން ނުދާނެ ކަމުގެ ޔަޤީންކަށް މިފުރުސަތުގައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި އަދި އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކަށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ މަތިއުތުރު ޕްރޮވިންސް އަދި އެމްޑީޕީ ދިއްދޫ ދާއިރާ