ނަންބަރު: MDP –PG-2012-PR-0012
ތާރީޚް: 26 ސެޕްޓެމްބަރ 2012 (ބުދަ)
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ނޫސް ބަޔާން
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުމަށާއި ބިރުދެއްކުމުގެ ބޭނުމުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، މޯލްޑިވްސް ޕޮލިސް ސާރވިސްއިން ކުރަމުންދާ ކަންތައް ކުށްވެރިކޮށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ނެރޭ ނޫސް ބަޔާން.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ މައްޗަށް ސިލްސިލާ ގޮތެއްގައި ތަކުރާރުކޮށް ސާބިތުނުހިފޭ ކަންކަން މަތިކޮށް މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރެއްގެ މައްސަލަ ތަފާތު މަރުހަލާތަކުގައި ކުރިއަށް ގެންދާ ހިނދު، މިގޮތުން އެންމެފަހުން ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ސަމީރުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން މައްސަލައެއް ތަހުޤީޤު ކުރަމުންދާކަމަށް ރިޕޯޓް ލިބިފައިވާތީ، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އަޙުމަދު ސަމީރުގެ މައްޗަށް ތަހުޤީޤް ކުރެވެމުންދާ މައްސަލައަކީ ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހުށަހެޅި މައްސަލައެއްކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއާ ހަވާލާދީ ދުވަހު ނޫހެއްގައި ޝާއިއުކޮށްފައިވެއެވެ.
ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ސަމީރަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި ދިގު މުއްދަތަކަށް މަސައްކަތްކުރައްވާފައިވާ އަދި މަސައްކަތްކުރައްވަމުން ގެންދަވާ ހީވާގި އަދި އިހުލާސްތެރި މެމްބަރެއްކަމަށްވެފައި އަދި އެކޮމެޓީގެ ނައިބު މުޤައްރިރު ކަމަށްވެސް ވެފައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ފެނިވަޑއިގަތްގޮތެއް، ދުވަހު ނޫހަކުން ކުރި ސުވާލަކަށް ޖަވާބުދެއްވުމުގައި، ހާމަކުރެއްވި ކުރެއްވުމަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، މޯލްޑިވްސް ޕޮލިސް ސާރވިސްއިން ނާޖާއިޒު ނުފޫޒާއި ބާރުގެ ބޭނުންކޮށް ހިންގަމުންގެންދާ ބިރުދެއްކުމާއި ގޯނާކުރުމުގެ އަމަލު މިހިނދުން މިހިނދަށް ހުއްޓާލުމަށްވެސް ގޮވާލަމެވެ.
މީގެ އިތުރުން، ފުލުހުންކުރާ ތަހުޤީޤަށްކަމަށް ބުނެ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނޫސްވެރިން ހާޒިރުކޮށްގެން ނޫސްވެރިން ލިޔާލިޔުމުގެ މަސްދަރު ހާމަކުރުމަށް ޤާނޫނު އަސާސީއާއި ހިލާފަށް އަމަލުކުރަމުން ގެންދާ ގެންދިއުންވެސް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ކުށްވެރިކުރަމެވެ.
މިފަދަ ބިރުދެއްކުމާއި ގޯނާކުރުމުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައާއި ކޮމެޓީތަކުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރެއްވުމުގައި ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ސަމީރާއި މިޕާޓީއަށް ނިސްބަތްވާ އެނޫންވެސް މެންބަރުން ފަސްޖެހި ވަޑައިނުގަންނަވާނެކަންވެސް މިފުރުސަތުގައި ތަކުރާރުކޮށް ހާމަކުރަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް