ރައީސް ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެންފިއެވެ.

ފޮރިންގެ އެފެއަރޒް ކުރިމަތިން އޮންނަ 4 ނަންބަރު ޖެޓީ ސަރަހައްދުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނެވެ. މީގެ އިތުރުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ މެންބަރުންނާއި، އެޕާޓީއަށް ތާއީދުކުރާ ފަރާތްތައް ވެސް އެސަރަހައްދުގައި ގިނަ އަދަދަކަށް ތިބިކަން ފާހަގަކުރެވެއެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގްއާއި ބައްދަލުކުރައްވައިފިއެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހަށް އެމަނިކުފާނުގެ މިދަތުރުފުޅުގައި ލިޔުއްވުމެއް ލިޔުއްވެވިއެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތު ރޯޔަލް ސޮސައިޓީގައި ތަގުރީރުކުރައްވާފައެވެ. އަދި މިތަގުރީރަށްފަހު ރޯޔަލް ސޮސައިޓީގެ ދައުވަތަކަށް އެމަނިކުފާނު ސްކޮޓްލެންޑަށް ވެސް ވަޑައިގެންފައިވެއެވެ.