އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 127 ވަނަ ބައްދަލުވުން ބާއްވައިފި
އެމްޑީޕީގެ އެންއީސީގެ ބައްދަލުވުމެއްގެ ތެރެއިން: އެމްޑީޕީ ފައިލް ފޮޓޯ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ހިންގާ ކޮމިޓީގެ 127 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރިޔާސަތުން މައުލޫމާތު ދެއްވީ އެޕާޓީގެ ޗެއަރޕާސަންގެ ނައިބު (އިދާރީ) އަލީ ޝިޔާމް އެވެ. އެ ގޮތުން ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް ޑީޓެއިނީ އަޕްޑޭޓް އާއި، މެމްބަރޝިޕާއި، ބައްދަލުވުންތަކާއި، ޕާޓީގެ ހަރަކާތްތަކާ ބެހޭ މައުލުމާތު އަލީ ޝިޔާމް ދެއްވިއެވެ. އެމްޑީޕީގެ 7 މެންބަރުންގެ ކޮމިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތުދެއްވީ އެ ކޮމިޓީގެ މުގައްރިރު، ރައީސް ނަޝީދުގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބު އެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މައުލޫމާތު ދެއްވީ އެ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙަންމަދު ޞޯލިޙް (އިބޫ) އެވެ.

މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކުރިއަށް އޮތް އަންހެނުންގެ ކޮމިޓީގެ އިންތިހާބާއި ބެހޭ ގޮތުންނާއި، އެމްޑީޕީގެ ވައުދުގެ ދަތުރާއި، އަދި އެޕާޓީގެ މެންބަރޝިޕް އިތުރުކުރުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުންނެވެ.

ގައުމީ ހިންގާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެވެ.