3 ކައުންސިލަކުން ހުސްވެފައިވާ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ހާމަކޮށްފި

3 ކައުންސިލަކުން ހުސްވެފައިވާ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން އެޕާޓީން މިއަދު ހާމަކޮށްފިއެވެ.

އދ. ދިއްދޫ ކައުންސިލުންނާއި، ފ.ބިލެތްދޫ ކައުންސިލުންނާއި، ލ.މާބައިދޫ ކައުންސިލް އަދި މ.އަތޮޅު ކައުންސިލް (މުލަކު ދާއިރާ) އިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2012 އޮކްޓޯބަރ 29 ވާ ހޯމަ ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ އިރު، ފ.ބިލެތްދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނީ ފ.ބިލެތްދޫ ޗާންދަނީވިލާ ރަމްޒީނާ އަފީފް އެވެ. ލ.މާބައިދޫ ކައުންސިލުން ހުސްވެފައިވާ މެންބަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ލ.މާބައިދޫ ފިނިހިޔާގޭ އަބްދުﷲ ރަޝީދު އެވެ. އަދި މ.އަތޮޅު ކައުންސިލް އިން ހުސްވެފައިވާ މުލަކު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނީ މ.މުލައް ހެޕީނާސް، އިބްރާހީމް ލަތީފް އެވެ.

މި 3 ކައުންސިލުން ހުސްވެފައިވާ މެންބަރުކަމަށް ވާދަކުރައްވާ 3 ބޭފުޅުން އެމްޑީޕީން އައްޔަންކޮށްފައިވީ ނަމަވެސް އދ.ދިއްދޫ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމަށް އެމްޑީޕީން ވާދަކުރައްވާނޭ ކެންޑިޑޭޓެއް އަދި މިހާތަނަށް އެޕާޓީން އައްޔަންކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓެއް ކަނޑައަޅައި، އެ ފަރާތެއްގެ ނަން ވެސް ވަރަށް އަވަހަށް ހާމަކުރެވޭވަރު ވާނޭ ކަމަށް އުއްމީދުކުރާ ކަމަށް އެމްޑީޕީން ބުނެއެވެ.

މި ބައި-އިލެކްޝަންތަކުގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، ހުށަހެޅުއްވުމަށް އިލެކްޝަނުން ދީފައިވާ އެންމެ ފަހު ތާރީޚަކީ 28 ސެޕްޓެމްބަރ 2012 ވާ ބުރާސްފަތި ދުވަހެވެ.