އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގަންނަވާނެ އެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މިއަދު މެންދުރުފަހު 3 ޖަހާއިރު ފޮރިންގެ އެފެއަރޒް ކުރިމަތިން އޮންނަ 4 ނަންބަރު ޖެޓީ ސަރަހައްދަށް ދިއުމަށް އެމްޑީޕީން ވަނީ އެޕާޓީގެ މެންބަރުންނާއި، އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލާފައެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގްއާއި ބައްދަލުކުރައްވާފައެވެ.
ހޯމަ ދުވަހު ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގައި ބޭއްވި މިބައްދަލުވުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ކަންކަން ހިނގަމުން އަންނަ ގޮތާއި ދިވެހިރާއްޖޭގެ ޅަފަތުގައިވާ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތާގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.
މީގެ އިތުރުން އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހަށް އެމަނިކުފާނުގެ މިދަތުރުފުޅުގައި ލިޔުއްވުމެއް ލިޔުއްވެވިއެވެ. އެމަނިކުފާނުގެ ދަގާޑިއަންގައި ވިދާޅުވެފައިވަނީ ސީމެގުގެ އެޖެންޑާއިން ރާއްޖެ ނަގައިފި ނަމަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އިންސާފު ނުލިބުމުގެ އިތުރުން ރާއްޖޭގައި ދެން ދުވަހަކު ވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވިދާނޭ ކަމަށެވެ. އަދި އަދުލުވެރިކަމާއި އެކު، ގާނޫނާއި ހިލާފުވީ ފަރާތްތަކަށް އަދަބު ދެވެންދެން ރާއްޖެ ސީމެގުގެ އެޖެންޑާގައި ބާއްވަންޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތު ރޯޔަލް ސޮސައިޓީގައި ތަގުރީރުކުރައްވާފައެވެ. އަދި މިތަގުރީރަށްފަހު ރޯޔަލް ސޮސައިޓީގެ ދައުވަތަކަށް ރައީސް ނަޝީދު ސްކޮޓްލެންޑަށް ވެސް ވަޑައިގެންފައިވެއެވެ.