ސުޕްރީމް ކޯޓުން ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލާގައި އެންޓި ކަރަޕްޝަން ކޮމިޝަންގެ މައްޗަށް އިއްވި ޙުކުމާއި ގުޅޭގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ ދިއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ސަމީރު އިތުބާރު ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާކަމަށް ބުނެ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.
ސަމީރު އާއި ގުޅޭގޮތުން ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ މައްސަލައަކީ، މި މަހުގެ 6 ވަނަ ދުވަހު ހަވީރު ނޫހުގެ ރިޕޯޓަރ ހުސައިން ފިޔާޒު މޫސާ ލިޔެފައިވާ ” އޭސީސީ އޮތުމުގެ ބޭނުން ކެނޑުނީތަ؟ ” މި ސުރުޚީގެ ދަށުން ލިޔެފައިވާ ރިޕޯޓަކަށް ސާމިރު ދެއްވާފައިވާ އިންޓަވިއުއެއްގެ މައްސަލައެވެ. އެ ރިޕޯޓްގައި ސަމީރު ވިދާޅުވި ކަމަށް ލިޔެފައިވަނީ ” އަޅުގަނޑަށް އެކަން ސިފަވަނީ ޒާތީ ނިންމުމެއްގެ ގޮތުގައި. ސަބަބަކީ އޭސީސީން ސުޕްރީމް ކޯޓުގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއަށް ވެސް ވަދެފައި ވަނިކޮށް، އޭސީސީގެ ފުރިހަމަ ބާރު ކެނޑޭ ގޮތަށް ހުކުމް އައުމުން، ” މިފަދައިންނެވެ.
މި މައްސަލާގައި ރިޕޯޓް ލިޔުނު ޖާނަލިސްޓް ހުސައިން ފިޔާޒު މޫސާ ވެސް ޕޮލިސް ސަރވިސްއަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަމަށް “ހަވީރު” ނޫހުގައި ވެއެވެ.
އެމްޑީޕީގެ ލީޑަރޝިޕް ހަލާކުކޮށްލުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، މީގެކުރިން ވަނީ ޗެއަޕަރސަން ރީކޯ މޫސާ މަނިކު އާއި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދާއި، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އާއި، ޕާޓީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ އިތުރުން އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަނޭޝަނަލް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދުގެ ޢަބްދުލްޣަފޫރުގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައެވެ.