އެމްޑީޕީގެ “ވައުދުގެ ދަތުރު” ގައި ބައިވެރިވުމަށް ނަންނޯޓުކުރުމުގެ މުއްދަތު އިތުރުކޮށްފި
އެމްޑީޕީން އިސް ނަގައިގެން 2008 ވަނަ އަހަރުގެ ކުރީކޮޅު އިންތިގާލީ ސަރުކާރަކަށް ގޮވާލައި ބޭއްވި އަރުމާޒު ދަތުރުތަކުގެ ތެރެއިން - އެމްޑީޕީ ފައިލް ފޮޓޯ

މި ފެށޭ އޮކްޓޯބަރު މަހު 1 ވަނަ ދުވަހު އެމްޑީޕީން ފަށާ “ވައުދުގެ ދަތުރު” ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް އެންމެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ ރަށަކަށް ކުރާ މިދަތުރުގައި ބައިވެރިވާން ބޭނުން ފަރާތްތައް ރެޖިސްޓްރީކޮށް މަޢުލޫމާތު އެރުވުން އެމްޑީޕީގެ މައި ސެކްރެޓޭރިއަޓުގައި މި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާއިރު، އެމްޑީޕީ ސެކްރެޓޭރިއަޓްގައި ހުންނަ ރެޖިސްޓްރޭޝަން ޑެސްކުން އެކަނި ވެސް މިދަތުރުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމަށް އެދޭ 295 އަށް ވުރެ ގިނަ ފޯމު ގެންގޮސްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާރޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާއި، ޚާއްސަ ޖަލްސާތަކާއި، މައުލޫމާތުގެ ސެޝަންތަކާއި އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ އެކު ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެއެވެ.