ކޮލަމާފުށީ އެމްޑީޕީ ސަޕޯޓަރުން މަހަށް ގޮސްގެން އެރަށު އެމްޑީޕީ ހަރަކާތްތަކަށް 47000 ރުފިޔާ ހޯދައިފި

ގއ ކޮލަމާފުށީގައި އެމްޑީޕީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ހޮނިހިރު ދުވަހު އެރަށު 3 ދޯންޏެއް މަހަށް ގޮސްގެން 47250 ރުފިޔާ ހޯދާފައިވާ ކަމަށް ކޮލަމާފުށީގެ ކުރީގެ ކައުންސިލަރ އަހުމަދު ރައޫފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުން ކައުންސިލަރުން އައްޔަންކުރެއްވި އިރު، ކޮލަމާފުށީ ކައުންސިލަރަކަށް އައްޔަންކުރެއްވި ރައޫފް ވިދާޅުވީ 3 ދޯނި މަހަށް ދިޔަ ނަމަވެސް އޭގެ ތެރެއިން އެއް ދޯނި އެންނުދެމިގެން އަނބުރާ އައީ ކަމަށާއި، އަނެއް ދެ ދޯނިން ބޭނި 6.5 ޓަނުގެ މަހުން ލިބުނު ފައިސާއިން ޚަރަދަށް ކަނޑާފައި، ބާކީވި ފައިސާގެ ދެބައިކުޅަ އެއްބައި ކޮލަމާފުށީ އެމްޑީޕީ ފަންޑު ފޮއްޓަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

“3 ދޯނި 70 ވަރަކަށް މީހުންނާއެކު މަހަށް ނިކުތް ހޮނިހިރު ދުވަހު. އެއީ ރަސްއައިން، ނޫމަސް އަދި އޮއިބާނި. މި 3 ދޯނީގެ ތެރެއިން އޮއިބާނި ދޯނި އެންނުލިބިގެން އައީ. އަނެއް 2 ދޯނީގެ ތެރެއިން ރަސްއައިން ދޯނި 4 ޓަނު، އަދި ނޫމަސް ދޯނި ދޭއްބައި ޓަނު މަސް ބޭނި. އަޅުގަނޑުމެން އޮޑިވެރިންނާ އެކު އެއްބަސްވެފައި އޮންނާނީ ޚަރަދަށް ކެނޑުމަށްފަހު ދެބައިކުޅަ އެއްބައި ކޮލަމާފުށީ އެމްޑީޕީ ފަންޑު ފޮއްޓަށް ހަދިޔާކުރާ ގޮތަށް.. އެގޮތުން މަހަށް ގޮސްގެން އެކަނި ވެސް 47250 ރުފިޔާ ލިބުނު.” ރައޫފް ވިދާޅުވިއެވެ.

ރައޫފް ވިދާޅުވީ “ވައުދުގެ ދަތުރު” ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދާއި، އެ ޕާޓީގެ ލީޑަރޝިޕްގެ އެހެން ބޭފުޅުންނާއި އެމްޑީޕީގެ އެތައް ސަތޭކަ ސަޕޯޓަރުން އެންމެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމަށް ހަމަޖެހުމާ ގުޅިގެން ކޮލަމާފުށީ އެމްޑީޕީ މެންބަރުން އެރަށް ޒީނަތްތެރިކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ފެށި ކަމަށާއި، އެ ގޮތުން މިމަހުގެ 17 ވަނަ ދުވަހު ފަންޑުފޮއްޓެއް ބަހައްޓައި، 24 ގަޑިއިރުގެ ތެރޭގައި 15000 ރުފިޔާ ހޯދި ކަމަށާއި، އޭގެ ފަހުން މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ފަންޑަށް ޖުމްލަ 60600 ރުފިޔާ ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ރަށް ޒީނަތްތެރި ކުރުމާއި، ބެނަރތަކާއި ދިދަތައް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އެރަށު އެމްޑީޕީ މެންބަރުން ފޯރިއާ އެކު ކުރިޔަށް ގެންދާ ކަމަށް ރައޫފް ވިދާޅުވިއެވެ.

” އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުން ވައުދުގެ ދަތުރު ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ މިރަށުގަ. އެހެންކަމުން އެއީ އަޅުގަނޑުމެންނަށް، އެމްޑީޕީއަށް މަރުދޭ އެތައް ސަތޭކަ ރައްޔިތުންނެއް ދިރިއުޅޭ މި ކޮލަމާފުއްޓަށް ލިބިގެންދާނޭ ވަރަށް ބޮޑު ޝަރަފެއް. ބަނދަރު ސަރަހައްދުގައި ރައީސް ނަޝީދުގެ ދަތުރުފުޅަށް ސީދާ އެމަނިކުފާނަށް ޚާއްސަކޮށްގެން މަރިޔާދުގެއެއް ހެދުމުގެ މަސައްކަތާއި، ބެނާރ އަދި ދިދަ ހެދުމުގެ މަސައްކަތް ވެސް އެމްޑީޕީ ސަޕޯޓަރުން ވަރަށް ފޯރިއާއެކު ކުރިޔަށް އެބަގެންދޭ. ބަނދަރު ސަރަހައްދުގައާއި، ރަށުތެރޭގައި ހުރި ބުރުތަކުގައި ކުލަލުން ވެސް ވަރަށް އަވަހަށް ފެށޭނެ.” ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ހިއުމަން ރިސޯސް މެނޭޖަރުކަން ވެސް ކުރެއްވި ރައޫފް ވިދާޅުވިއެވެ.