ނޫސްބަޔާން: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ ގުޅިފައިވާ ނޫސް ބަޔާން (15)

2008 ވަނަ އަހަރު ދިވެހި ރައްޔިތުން އިންތިހާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ސިޔާސަތުތަކުގެ ދަށުން ރާއްޖޭގެ އިޖުތިމާއީ ޙާލަތު ރަނގަޅު ކުރުމަށް މަސްވެރިންނަށް ދެމުން ގެންދިޔަ ސަބްސިޑީސްއާއި ކޮންމެ ދިވެހި ރައްޔިތަކު ބޭނުންކުރާ ކަރަންޓްގެ އަގު ހެޔޮކުރުމަށް ދެމުންދިޔަ ސަބްސިޑީސްތަކާއި އެކަނިވެރި މައިންނަށް ދެވޭ އިނާޔަތްތަކާއި، އަދި އެކަނިވެރި ދަރިންނަށް ދެމުންދާ އިނާޔަތްތައް ހުއްޓުވުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދު އާއި 23 ޑިސެމްބަރ އިއްތިހާދާއި ގުޅިގެން ކުރައްވާ މަސައްކަތް ކުއްވެރިކޮށް، އެއްވެސް ޝަރުތެއްނެތި އެކަން ހުއްޓާލުމަށް ގޮވާލަމެވެ.

މި އިނާތްތަކާއި ސަބްސިޑީސްތައް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލަން ޖެހޭ ކަމަށް ވިދާޅުވެ ނަޝީދު ވާހަކަދައްކަވަމުން ވަޑައިގަންނަވަނީ މިހާރުގެ ސަރުކާރު އަޑީގައި އޮވެގެން މިއަހަރުގެ ބާކީ އޮތް ތަނުގައި މިފަދަ އިނާޔަތްތަކާއި ސަބްސިޑީތައް ނުދީ ހިފެހެއްޓުމުގެ ނިޔަތުގައެވެ. އަދި މިގޮތައް ވާހަކަދެއްކެވުމަށް ދައްކަވާ ބަހަނާއަކީ ކުއްލި ބިލްތަކެއް ފާސްކުރައްވަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތެއް ވެރިކަން ކުރާ ކޯލިޝަނަށް އޮވެ، އެފަދަ ވާހަކަތަކެއް އެފަރާތްތަކުން ދައްކަމުން ދަނީ ބަހަނާ ދެއްކުމުގެ މަގުސަދުގައި ކަމަށް އެމްޑީޕީގެ ގުޅިފައިވާ މަޖިލިސް މެމްބަރުން ދެކެމެވެ. އެބޭފުޅުން ބޭނުން ނަމަ މިއަދުން މިއަދަށްވެސް މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި މި ބިލްތައް ފާސްކުރެން އޮތްއިރުވެސް، ސަބްސިޑީސްތައް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލަން ޖެހޭ ކަމަށް ވިދާޅުވަމުން ގެންދަވާ މައިގަނޑު މަގުސަދަކީ ދޭންޖެހޭ އިނާޔަތްކާއި ސަބުސިޑީތައް ހުއްޓުވާލައި މަޖިލީހުން މިކަންކަމަށް ކަނޑައަޅާފައިވާ ބަޖެޓުތައް އެހެން ގޮތްތަކަކަށް ބޭނުންކުރެއްވުން ކަމުގައި އެމްޑީޕީގެ ގުޅިފައިވާ މަޖިލިސް މެމްބަރުން ދެކެމެވެ. ދިވެހި ރައްޔިތުން ނިކަމެތިކޮށްލާ، ސަލާން ޖެހުމުގެ ސަޤާފަތް އަލުން އަނބުރާ ތަޢާރަފް ކުރުމަކީ އިނދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތެކެވެ.

ނަޝީދުގެ މި އަމަލުތަކުން ހާމަވެގެންދަނީ ރައްޔިތުން އިންތިޚާބްކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން ދުރުކުރުމަށް ހިންގި ބަޣާވާތުގެ އަޑީގައިވެސް ހުންނެވީ ޚުދު ނަޝީދު ކަމެވެ. އެމްޑީޕީގެ ސަރުކާރުން ޖިނާޢީ ޢަދުލުގެ ނިޒާމް ހަމަ މަގަކަށް އެޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ގިނަ ބިލްތަކެއް ވަނީ، ނަޝީދު މުޤައްރިރްކަން ކުރައްވަމުން ގެންދަވާ މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީގައި ހިފަހައްޓާފައެވެ. އެގޮތުން ހެއްކާއިބެހޭ ބިލާއި، ޖިނާއީ އިޖުރާތުގެ ބިލާއި، ގާނޫނުލް އުގޫބާތާއި ބެހޭ ބިލާއި، އާބިޓަރޭޝަނާއި ބެހޭ ބިލާއި، ޕެރޯލާއި ބެހޭ ބިލް ނަޝީދު ވަނީ ގަސްތުގައި ހިފަހައްޓައި ރައްޔިތުން އަދަވަޅަކަށް ވައްޓާލާފައެވެ. މިޕާޓީން ދެކޭގޮތުގައި މި ހުރިހާކަމެއްގެ ފުރިހަމަ ޒިންމާ ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ އެވެ.

ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުން ފޯރުކޮށްދީފައިވާ މިފަދަ އިނާޔަތްތައް މެދު ކަނޑާލައި، ރައްޔިތުން އަޅުވެތިކުރުމަށް މިސަރުކާރުން ހިންގާ އެންމެހާ ކަންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ. އަދި މިފަދަ ކަންކަމުގައި އަބަދުވެސް ރައްޔިތުންނާއި އެކު ވާނޭކަމުގެ ފުރިހަމަ ޔަޤީންކަން މި ފުރުސަތުގައި އަރުވަމެވެ.


ބަޔާން ނެރުނީ:

އިބުރާހިމް ރަޝީދު ( މާފަންނު ދެކުނު ދާއިރާގެ މެންބަރ )
:މުހައްމަދު ރަޝީދު (މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ )
: މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ
: މުހައްމަދު ތޯރިޤު (މަނަދޫ ދާއިރާގެ މެންބަރ )
: މުހައްމަދު ޤަސަމް (ތިނަދޫ ދާއިރާގެ މެންބަރ )
: މުހައްމަދު ޝިފާޒު (ބާރަށު ދާއިރާގެ މެންބަރ )
: މުހައްމަދު ނާޒިމް ( މަޑަވެލި ދާއިރާގެ މެންބަރ )
: މުހައްމަދު ރަޝީދު ( ހިތަދޫ އުތުރު ދާއިރާގެ މެންބަރ )