ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ބޮންޑެގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ބޮންޑޭގެ މައްޗަށް ދައުވާ ކުރަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު ހަވީރު އެމްޑީޕީން ބޭއްވި ސައިކަލު ބުރުގައި ބައިވެރިވެވަޑައިގެން އުޅުއްވަނިކޮށް، އެ ތަނުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އަދި ބޮންޑެގެ މައްޗަށް ޕީޖީން ހުށަހަޅާފައިވާ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގަނެ އަންނަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އަޑުއެހުންތައް ފެށުމަށް ޗިޓް ފޮނުއްވާފައިވާ ކަމަށް އެމްޑީޕީ ވެބްސައިޓަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްޑީޕީގެ އިސް ސަފުގައި ގުނާލެވޭ ފަރާތްތަކާ މެދު ތަފާތު އެކި ތުހުމަތުކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް، އެ ބޭފުޅުންނާ މެދު ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވަމުންދާތީ މިކަމަކީ “އެމްޑީޕީގެ ލީޑަރޝިޕް ހަލާކުކޮށްލުމަށް މި ސަރުކާރުން ރާވައިގެން ހިންގާ ކެމްޕެއިންގެ ދަށުން ކުރަމުންދާ ކަމެއް ކަމަށް”، އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވަނީ ވިދާޅުވެފައެވެ. ބޮންޑޭ ވެސް ވިދާޅުވީ މިއީ ސަރުކާރު އިއްތިހާދުގައި ހިމެނޭ ފަރާތްތަކުގެ ބާރާއި ނުފޫޒަށާއި މަގާމުގެ ބިރަށް ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވަމުން ގެންދަވާ ކަންތައްތަކެއް ކަމަށާއި، އަދި މިއީ ކުށެއް ނެތް އާންމުންނާއި ދެކޮޅަށް ފުލުހުން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކުގައި ޕީޖީ ވެސް ބައިވެރިވުން ކަމަށެވެ.

ބޮންޑޭ ފުލުހަކަށް ހަމަލާދިން ކަމަށް ބުނާއިރު، އޭނާއަށް އެކި ފަހަރު މަތިން ފުލުހުންގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ފެބުރުއަރީ މަހުގެ 8ވަނަ ދުވަހު ފުލުހުން އޭނާއަށް ބޮޑެތި އަނިޔާތަކެއްދީ އޭނާ ގަސްތުގައި މަރާލަން އުޅުނު ކަމަށް ބޮންޑެ ތުހުމަތުކުރައްވައެވެ. އެދުވަހު އެމްޑީޕީން ބޭއްވި ހިނގާލުން އަނިޔާވެރިކަމާއެކު ރޫޅާލުމަށްފަހު އޭނާ ފާމްދޭރި މަގުގައި ހުންނަ ފާމްދޭރިގޭގެ އިމުގެ ތެރޭގައި ހުއްޓާ ފުލުހުން އެތަނަށްގޮސް ކޯޓު އަމުރެއް ނެތި އޭނާ ދަމާނެރެ ފުލުހުންގެ އެންކަލް ބޫޓްތަކުންނާއި ދަގަނޑު މުގުރުތަކުން، އެއްވެސް ރަހުމެއް ނެތި ހޭނެތެންދެން އެދުވަހުވެސް އަނިޔާކޮށްފައިވާ އިރު، ޖުލައި 30 ވަނަ ދުވަހު އޭނާގެ މައިބަނދައާއި އަމާޒުކޮށް ފުލުހަކު 3 ފަހަރު ފައިން ޖަހާފައިވާ ކަމަށާއި، އަދި އެދުވަހު އެހެން ފުލުހަކު އޭނާގެ ބުރަކަށީގައި 2 ފަހަރު ދަތްއަޅާފައިވާ ކަމަށް ބޮންޑެ ވަނީ ވިދާޅުވެފައެވެ.

“މިވާހަކަތައް އަޅުގަނޑު މީޑިއާއަށް ހާމަކުރުމާއެކު ފުލުހުން އަޅުގަނޑުގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުވައި އަޅުގަނޑު ހައްޔަރުކުރި އަދި ފުލުހަކާއި މާރާމާރީ ހިންގި ކަމަށްބުނެ ގޭ ބަންދު ކުރި. އެހެން ނަމަވެސް އެކަށީގެންވާ ހެކި ފުލުހުންނަށްވަނީ ނުދެއްކިފަ،” ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ އަށް ދީފައިވާ ހަމަލާތަކަކީ ގަސްތުގައި އޭނާ އަވަހާރަކޮށްލުމަށް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ކަމާއި ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ވަހީދު ހަސަން މަނިކާއި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒް ދެއްވަމުންދާ ހަމަލާތައް ކަމަށް ވިދާޅުވެ އެކަން ބައްލަވައި، އެ މައްސަލަ ތަހުގީގުކޮށް ދިނުމުގެ އަމުރެއް ނެރެދެއްވުމަށް ޕީޖީގެ އަރިހުން އެދިވަޑައިގެން މިދިޔަ އޮގަސްޓު މަހު 12 ވަނަ ދުވަހު ބޮންޑެ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ސިޓީއެއް ފޮނުއްވައިފިއެވެ.