ރ.މަޑުއްވަރީ ކަރަންޓުގެ މައްސަލައިގައި އެމްޑީޕީ މަޑުއްވަރީ ދާއިރާ އިން ނެރޭ ނޫސްބަޔާން

E05-nr/2012/01:ނަމްބަރ

އެމް.ޑީ.ޕީ މަޑުއްވަރީ ދާއިރާ
ރ.މަޑުއްވަރީ، ދިވެހިރާއްޖެ

ނޫސް ބަޔާން

މިފަހަކަށް އައިސް ރ.މަޑުއްވަރީގެ ކަރަންޓް ކެނޑެމުންދާތީ މިކަންކަން ވާހަކަ ދައްކައިގެން ހައްލު ކުރުވޭތޯ ވާނީ ކަރަންޓާއި ގުޅުން ހުރި ދާއިރާތަކާއިއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ވަނީ ކަރަންޓުގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަން ފާހަގަކުރަމެވެެ.

މިހެންވުމުގެ ސަބަބުން ރައްޔިތުންނަށް އަންނަނީ ވަރަށް ގިނަ ދަތި އުދަގޫތަކާއި ގެއްލުންތައް ކުރިމަތިވަމުންނެވެ. އަދި މި ދުވަސްވަރަކީ ސްކޫލްގެ ޓެސްޓާއި ކައިރިވެފައިވާ ދުވަސްކޮޅަކަށް ވާތީ ކިޔަވާ ކުދިންނަށާއި ޓީޗަރުންނަށްވެސް އަންނަނީ މިކަމުގެ ދަތި ވަރަށް ބޮޑަށް ކުރިމަތި ވަމުންނެވެ.

މިހެން މިކަންހުރި އިރު އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް ނުވަތަ ކަރަންޓް ދޭން ބޭނުން ކުރާ އާލާތްތައް ރަގަޅުކުރުމަށްޓަކައި މަސައްކަތް ނުކޮށް ތަނުގައި ތިބި މުވައްޒަފުން ބަދުނާމުކޮށް، މުވައްޒަފުން ބަދަލު ކުރުމަށް ވެސްދަނީ މަސައްކަތް ކުރެވެމުންނެވެ. މިހެންވެ ކަރަންޓުގެ ހާލަތު ރަގަޅު ކުރުމަށްޓަކައި ވީއެންމެ އަވަހަކަށް މަސައްކަތް ކޮށް ސަރުކާރުންނާއި މި ޙިދުމަތްތައް ދިނުމަށް ހެދިފައިވާ ކުންފުނިތަކުން، ރައްޔިތުންނަށް ދޭންޖެހޭނެ ކަމަށް ޤާނޫނު އަސާސީ ދެވަނަ ބާބުގެ، އިޤްތިސާދީ އަދި އިޖްތިމާޢީ ޙައްޤުތައް (23)ވަނަ މާއްދާގެ (ޅ) ގެ ދަށުން ކަރަންޓްގެ ޙިދުމަތް އެންމެ ރަނގަޅު ގޮތުގައި ދިނުމަށް ސަރުކާރަށާއި ކުންފުނިތަކަށް ގޮވާލަމެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ކަރަންޓުގެ ޙާލަތާއި ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޙިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިކަން ފާހަގަ ކުރަމެވެ. އެގޮތުން 80kwގެ ދެ ޖަނަރޭޓަރު މިރަށަށް ގެނެވި އެ ޖަނަރޭޓަރު ތަކުގެ ޙިދުމަތް ވަނީ ރައްޔިތުންނަށް ދޭންފަށާފައެވެ. އަދި މިރަށުގައި ޒަމާނުއްސުރެ ހިންގަމުން އައި ދެ އިންޖީނުގެ އެއްވިއުގަ އަކަށް ގުޅާލުމާއި ކަރަންޓުގެ އަގު އަތްފޯރާފަށަށް ތިރިކޮށް އަދި ދުރު މުސްތަޤުބަލަށް އަމާޒުކޮށްގެން އެންމެ މިޒަމާނުގެ ޕަވަރ ހައުސްއެއް އެޅުމުގެ ޕްލޭންތައް މިކަމަށް ބޭނުންވާ ބިން ކަނޑައެޅިފައިވާކަން ވެސް ފާހަގަ ކުރަމެވެ. އަދި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ކުރެހުމާއި އެންމެހާ ސާވޭތަށް ވަނީ ކުރެވި ނިމިފައެވެ.އަދި މިކަމަށްޓަކައި ހެދިފައިވާ އެންވާރެމެންޓަލް އިމްޕެކްޓް އެސިސްޓަންޓް (އީ.ޕީ.އޭ) ރިޕޯޓްގެ މުއްދަތު 2013 ގެ މާރޗް މަހަށް ހަމަވާނެއެވެ. އަދި މިމަސައްކަތް ނުކުރެވި ސާރވޭގެ މުއްދަތު ހަމަވެއްޖެނަމަ އަލުން އެ ސާރވޭ ހެއްދުމައްޓަކައި އިތުރު މަސްތަކެއް ވޭތުވެ،އަދި ބޮޑު ޙަރަދުތަކެއްވެސް ދާނެކަން ހިތާމައާއި ކަންބޮޑުވުމާއި އެކު ފާހަގަ ކުރަމެވެ.އަދި 7 ފެބްރުއަރީގައި އައި ސިޔާސި ކޮޅިގަނޑުގެ ސަބަބުން ވަނީ މަތީގައި ދެންނެވިފައިވާ ހުރިހާ މަސްރޫޢު ތަކަށް ވަނީ ހުއްޓުން ގެނުވާފައެވެ.މިކަންކަމަކީ ކޮންމެ ވެރިކަމެއް އޮތްނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޙިދުމަތްތަކަކަށް ވާތީ މި ޙިދުމަތްތަށް ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދިއުމަށް ވަހީދުގެ ސަރުކާރަށް އަޑުހަރުކޮށް ގޮވާލަމެވެ.އަދި މިހެންވެ އަސާސީ ޙިދުމަތް ތަކުގެ ހާލަތު ރަގަޅު ކުރުމަށްޓަކައި ވީއެންމެ އަވަހަކަށް މަސައްކަތް ކޮށް ސަރުކާރުންނާއި މި ޙިދުމަތްތަށް ދިނުމަށް ހެދިފައިވާ ކުންފުނިތަކުން،ރައްޔިތުންނަށް ދޭންޖެހޭނެ ކަމަށް ޤާނޫނު އަސާސީ ދެވަނަ ބާބުގެ، އިޤްތިޝާދީ އަދި އިޖްތިމާޢީ ޙައްޤުތަށް (23)ވަނަ މާއްދާގެ (ކ) ގެ ދަށުން ނަރުދަމާގެ ޙިދުމަތް އެންމެ ރަނގަޅު ގޮތުގައި ދިނުމަށް ވަހީދު ސަރުކާރަށާއި ކުންފުނިތަކަށް ތަކުރާރުކޮށް ގޮވާލަމެވެ.

މަތީގައި ދެންނެވިފައިވާ އެންމެހާ ކަންކަން ރަނގަޅު ކުރުމަށްޓަކައި ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް ކޯލިޝަން ސަރުކާރާއި ގުޅިފައިވާ ޕާޓީތަކަށާއި، ސަރުކާރުގެ އިސްމަޤާމް ތަކުގައި ތިއްބެވި ފަރާތްތަކަށާއި މަޑުއްވަރީ ދާއިރާގެ މެމްބަރ ވިޝާމް އަލީ އާއި ރ.އަތޮޅު ކައުންސިލުގައި މަޑުއްވަރީ މީދޫ ތަމްސީލު ކުރާ އަބްދުﷲ ހަމީދު އަށާއި އަންވަރު އިބްރާހިމް އަދި މަޑުއްވަރީ ކައުންސިލަށް ގޮވާލަމެވެ.

20 ސެޕްޓެމްބަރ 2012

އިބްރާހިމް ރަޝީދު

އެމްޑީޕީ މަޑުއްވަރީ ދާއިރާގެ ރައީސް
7967225