ކޮރަޕްޝަނުގެ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވިއްޖެ ނަމަ، އެ ފަނޑިޔާރެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބެލެން ޖެހޭނޭ ކަމަށާއި، ފަނޑިޔާރުންގެ ކޮރަޕްޝަންގެ މައްސަލަ ބެލުން ހުއްޓާލުމަށް އޭސީސީއަށް އެންގުމުގެ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް އަދި އެއްވެސް ކޯޓަކަށް ވެސް ލިބިގެން ނުވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ފަނޑިޔާރުންނާ ބެހޭ ގޮތުން ކުރާ ތުހުމަތުތަކާ ޝަކުވާތައް ޖޭއެސްސީ ނޫން އެހެން މުއައްސަސާތަކުން ބަލަމުން ގެންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން މިދިޔަ ހޯމަ ދުވަހު ޖޭއެސްސީގެ ރައީސް އާދަމް މުހައްއްމަދު އަބްދުﷲ އަށް ފޮނުއްވި ސިޓީއެއް ގައި ވިދާޅުވެފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެމްޑީޕީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަތައް ހަމަ އެކަނި ބެލެން ޖެހޭނީ ޖޭއެސްސީ އަށް ކަމަށް ސުޕްރީމް ކޯޓުން ބުނުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށާއި، ކޮރަޕްޝަނުގެ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވިއްޖެ ނަމަ، އެ ފަނޑިޔާރެއްގެ މައްސަލަ އޭސީސީ އަށް ބެލެން ޖެހޭނޭ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ފުރަތަމަ ރައީސް، އަދި އެ ޕާޓީގެ ގާނޫނީ ޓީމުގެ މެންބަރު އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވީ ޖިނާއީ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވުމުގެ ބާރު ޖޭއެސްސީއަށް ލިބިގެން ނުވާ ކަމަށާއި، ގާނޫނު އަސާސީ އާއި ގާނޫނުން ލިބިފައިހުރި ބާރުގެ ބޭރުން އެ ކޮމިޝަނުން އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނޭ ކަމަށް ވިދާޅުވިއެވެ. އަދި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ރާއްޖޭގައި ލިބިގެން ވަނީ އޭސީސީ އާއި، ހިއުމަންރައިޓްސް ކޮމިޝަނާއި، މީރާއަށް ކަން ވެސް އިބުރާ ފާހަގަކުރެއްވިއެވެ.