ސެޕްޓެމްބަރު 19-20 ފާހަގަކުރުމަށް މިރޭ އެމްޑީޕީން ޢާޓިފިޝަލް ބީޗުގައި ޚާއްސަ ޖަލްސާ އެއް ބާއްވަނީ

އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް ގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ: އެމްޑީޕީ ފައިލް ފޮޓޯ

ސެޕްޓެމްބަރު 19-20 ފާހަގަކުރުމަށް އެމްޑީޕީން އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ ޚާއްސަ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެއެވެ.

މިރޭ 9 ޖަހާއިރު ފަށާ ގޮތަށް ހަމަޖެހިފައިވާ މި ޖަލްސާ ގައި އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެމްޑީޕީން އެދެއެވެ.

އެމްޑީޕީން ސެޕްޓެމްބަރު 19-20 ފާހަގަ ކުރަން ފަށާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ޖަލުގައި އުމުރުން އެންމެ 19 އަހަރުގެ ޒުވާން އީވާން ނަސީމް މަރާލައި، ޖެހިގެން އައި ދުވަހު ޖަލުގައި ބަޑިޖަހައި އެތައް ލާ އިންސާނީ އަމަލެއް ހިންގާފައިވާތީ އެ ކަން ފާހަގަކުރުމުގެ ގޮތުންނެވެ.

އީވާން ނަސީމް މަރާލައި، ޖަލުގައި ބަޑިޖެހި ހާދިސާއަށް 9 އަހަރު ފުރުން ފާހަގަ ކުރުމަށް އެމްޑީޕީން އިއްޔެ ވަނީ ނޫސް ބަޔާނެއް ވެސް ނެރެފައެވެ.