ގާނޫނާއި ހިލާފުވީ ފަރާތްތަކަށް އަދަބު ދެވެންދެން ރާއްޖެ ސީމެގުގެ އެޖެންޑާގައި ބޭއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ގާނޫނާއި ހިލާފުވީ ފަރާތްތަކަށް އަދަބު ދެވެން ދެން ރާއްޖެ ސީމެގުގެ އެޖެންޑާގައި ބޭއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.

އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހަށް ރައީސް ނަޝީދު އިއްޔެ ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ސީމެގުގެ އެޖެންޑާއި ރާއްޖެ ނަގައިފި ނަމަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އިންސާފު ނުލިބުމުގެ އިތުރުން ރާއްޖޭގައި ދެން ދުވަހަކު ވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވިދާނޭ ކަމަށެވެ. އަދި އަދުލުވެރިކަމާއި އެކު، ގާނޫނާއި ހިލާފުވީ ފަރާތްތަކަށް އަދަބު ދެވެންދެން ރާއްޖެ ސީމެގުގެ އެޖެންޑާގައި ބާއްވަންޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން މިހާރު ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވިޔަ ނުދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވުމުން ކުރީގެ ރައީސް މައުމޫން އެ އިންތިޚާބުން ފެއިލް ވުމުން އޭގެ ބަދަލު ހިފުމުގެ ގޮތުން ކުރިއަށް އޮތް އިންތިހާބުގައި ރައީސް ނަޝީދަށް ބައިވެރި ވިޔަ ނުދިނުމަށް މިހާރު ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރީގެ ޚުދުމުޚުތާރު ވެރިކަން އަނބުރާ އައިސްފައިވާކަން ބައިނަލްއަގުވާމީ މުޖުތަމައުއިން ވެސް ދަންނަން ޖެހޭނޭ ކަމަށް ވިދާޅުވެ، އެމަނިކުފާނާއި އެމްޑީޕީގެ އެހެން އިސް ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލައި، ދިގު މުއްދަތަކަށް ޖަލަށް ލާނެ ކަމަށް ތަކުރާރުކޮށް ހޯމް މިނިސްޓަރު ކަމުގައި ހުންނެވި މުޙައްމަދު ޖަމީލު ވިދާޅުވެފައިވާ ކަމަށް ވެސް ނަޝީދު ލިޔުއްވާފައިވެއެވެ.