އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާ އޮފީސް
ނޫސް ބަޔާން
ރޭ ރާއްޖެ ޓީވީން އާއްމުކުރި ވީޑިއޯއެއްގައި މިޕާޓީގެ ކުރީގެ ޗެއާރޕާސަން މައްޗަންގޯޅި އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއަށް ފެބުރުއަރީ 7 ވަނަ ދުވަހުގެ ދުވާލުގެ ވަގުތެއްގައި ފުލުހުންނާއި ސިފައިންގެ ހާޒިރުގައި، މި ދާއިރާއަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށްވާ އއ.ރަސްދޫ، ނަންރީތިގެ، ހަސަން ރާޝިދު، ވަރަށް އަނިޔާވެރި ގޮތަކަށް އެކަމަނާގެ އަނގަމަތީގައި ވަރަށް ބާރަށް ޖަހާފައިވާކަން ވަނީ ހާމަވެފައެވެ. އެހެން ކަމުން މީނާ އެދުވަހު އެހިންގި ލާއިންސާނީ ދަށު ދަރަޖައިގެ ފިނޑި އަމަލު، އެންމެ ހަރުކަށި އިބާރާތުން މިދާއިރާގެ އެމްޑީޕީގެ މެމްބަރުންގެ ފަރާތުންނާއި، މިދާއިރާގައި ތިބި ލާއިންސާނީ އަނިޔާވެރިކަމާ ދެކޮޅު އެންމެހައި ރައްޔިތުންގެ ފަރާތުން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.
އަދި ހަމަ މިދަނޑިވަޅުގައި މިބޭފުޅާއާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ޤާނޫނީ ފިޔަވަޅު އަޅުއްވައި ދެއްވުމަށް މިހާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޖަމީލު އަހްމަދަށާއި، ކަމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދު ﷲ ރިޔާޒަށް ގޮވާލަމެވެ. އަދި ހަމަ އެހެންމެ މި އަމަލު ކުއްވެރި ކުރައްވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ރައްޔިތުންގެ މަޖިލީހުން ވެސް މިކަން ބައްލަވައި، އޭނާ އާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ބާރު އަޅުއްވައި ދެއްވުމަށް ގޮވާލަމެވެ. އަދި ހަމަ އެހެންމެ މި މައްސަލަ އިންޓަރ ޕާރލަމެންޓްރީ ޔޫނިއަށް އަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖްލިސްގެ ރައީސް އަބްދުﷲ ޝާހިދަށް މިދާއިރާގެ ފަރާތުން އިލްތިމާސް ކުރާވާހަކަ ދަންނަވަމެވެ.
މިފަދަ ލާއިންސާނީ އަނިޔާކުރުން ތަކުރާރު ވުމަކީ މިދާއިރާއިން އެދޭކަމެއް ނޫންކަމުގައިވެސް މިފުރުސަތުގައި ފާހަގަކޮށް އަދިވެސް އެއްފަހަރު އެ ލާއިންސާނީ އަނިޔާވެރި ފިނޑި އަމަލު ހިންގި މިދާއިރާއަށް ނިސްބަތްވާ، ޖުމްހޫރީ ޕާޓީގެ މެމްބަރުގެ މި ފިނޑި އަމަލު އެންމެ ހަރުކަށި އިބާރާތުން ތަކުރާރުކޮށް ކުށްވެރިކުރަމެވެ.
ބަޔާން ނެރުނީ:
ހަސަން ޝިޔާން
އެމްޑީޕީ ތޮއްޑޫ ދާއިރާގެ ރައީސް