އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 126 ވަނަ ބައްދަލުވުން ބާއްވައިފި
އެމްޑީޕީގެ އެންއީސީގެ ބައްދަލުވުމެއްގެ ތެރެއިން: އެމްޑީޕީ ފައިލް ފޮޓޯ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ހިންގާ ކޮމިޓީގެ 126 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރިޔާސަތުން މައުލޫމާތު ދެއްވީ އެޕާޓީގެ ޗެއަރޕާސަން މޫސާ މަނިކެވެ. އެ ގޮތުން ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް ޑީޓެއިނީ އަޕްޑޭޓް އާއި، މެމްބަރޝިޕާއި، ބައްދަލުވުންތަކާއި، ޕާޓީގެ ހަރަކާތްތަކާ ބެހޭ މައުލުމާތު މޫސަ ދެއްވިއެވެ. އެމްޑީޕީގެ 7 މެންބަރުންގެ ކޮމިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތުދެއްވީ އެ ކޮމިޓީގެ މުގައްރިރު، ރައީސް ނަޝީދުގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބު އެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މައުލޫމާތު ދެއްވީ އެ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙަންމަދު ޞޯލިޙް (އިބޫ) އެވެ.

މީގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލިހުގެ 110 ވަނަ ބައްދަލުވުމަށް ހުށަހެޅުއްވި ޕްރޮވިންސް/ސިޓީ ނިޒާމް ވީހާވެސް ފުރިހަމަ ގޮތެއްގައި ހިންގުމާ ބެހޭ ޤަރާރު އެންއީސީއަށް ހުށަހެޅުއްވުމަށް އަނބުރާ ގެނެސްފައިވާތީ އެޤަރާރާ ބެހޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. ނަމަވެސް އެ ގަރާރުގައި ހުށަހަޅާފައިވާ ކަންތައްތަކަކީ އަސާސީ ގަވައިދުގައި ވެސް އެމްޑީޕީ ހިންގުމުގެ އޮނިގަނޑުގައި އެކުލެވި، އެގަވައިދުގައި ބަޔާންކޮށްފައިވާ ކަންތަކަށް ވާތީ އެ ގަރާރު ގައުމީ ހިންގާ ކޮމިޓީން ފާސްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ނުފެންނަ ކަމަށް މިއަދުގެ ބައްދަލުވުމުގައި މެންބަރުން މަޝްވަރާކޮށްފައި ވެއެވެ..

ގައުމީ ހިންގާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކެވެ.