ކީރިތި ރަސޫލާއަށް ހަޖޫޖަހައި، މަލާމަތް ރައްދުވާ ގޮތަށް އެމެރިކާގެ ހައްދުފަހަނަ އަޅާފައިވާ ބަޔަކު ނެރެފައިވާ ފިލްމުގެ މައްސަލަ ކުށްވެރިކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 113
ތާރީޚް: 18 ސެޕްޓެމްބަރ 2012 (އަންގާރަ)

ކީރިތި ރަސޫލާއަށް ހަޖޫޖަހައި، މަލާމަތް ރައްދުވާ ގޮތަށް އެމެރިކާގެ ހައްދުފަހަނަ އަޅާފައިވާ ބަޔަކު ނެރެފައިވާ ފިލްމުގެ މައްސަލަ ކުށްވެރިކުރުން

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސަލަމައަށް ހަޖޫޖަހައި، މަލާމަތް ރައްދުވާ ގޮތަށް އެމެރިކާގެ ހައްދުފަހަނަ އަޅާފައިވާ ބަޔަކު ނެރެފައިވާ ފިލްމަކީ މުސްލިމުންގެ ކަރާމާތަށާއި، މުސްލިމުންގެ ދީނީ މިނިވަންކަމަށް އަރައިގަނެ، އިސްލާމް ދީނާއި، މުސްލިމުންގެ ބުރަސޫރަ ހުތުރުކުރުމަށްޓަކައި ކުރަމުންގެންދާ ކަންކަމުގެ ތެރެއިން ކަމެއް ކަމަށް މި މަޖިލީހުން ދެކެމެވެ. އަދި މިކަމަކީ މުސްލިމުން އެކަމާމެދު ކަންބޮޑުވާން ޖެހޭ، ކަންބޮޑުވުން ފާޅުކޮށް ހާމަކުރަންޖެހޭ ކަމެކެވެ. ވީމާ އެމުޑުދާރު ޢަމަލު މި މަޖިލީހުގެ ފަރާތުން ހަރުއަޑުން ކުއްވެރިކުރަމެވެ.

މިކަމަކީ ކުރިންވެސް ދެންނެވި ފަދައިން އިސްލާމް ދީނާއި، މުސްލިމުންގެ ސޫރަ ކިލަނބުކޮށްލުމުގެ ގޮތުން ކުރަމުން ގެންދާ ކަމަކަށްވާތީ، އިޙްތިޖާޖު ކުރުމުގައި އަޅުގަނޑުމެން، ކަމާނުބެހޭ ފަރާތްތަކަށް ގޯނާކުރުމާއި، އެހެން ދީންތަކުގެ މީހުންގެ ދީނީ ކަރާމާތަށް އަރަގައިތުމާއި، އެހެންމީހުންގެ ޤައުމީކަންކަމަށް އަރައިގަނެ އިޙްތިރާމް ކުޑަކުރެވޭ ފަދަ ގޮތަކަށް ޢަމަލު ނުބެހެއްޓުމަށް ގޮވާލަމެވެ. އެހެނީ އެއީ، އިސްލާމްދީނުގެ ޢަދުއްވުން ބޭނުންވާ ގޮތްކަމުގައި ވާތީ އެފަދަ ގޮތަކަށް މުސްލިމުންގެ ސޫރައަށް ހުތުރުވާފަދަ ގޮތަކަށް ޢަމަލު ނުބެއްޓުމަށް ސަމާލުކަން ދެއްވުމަށްވެސް މި މަޖިލީހުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އަލްޙާފިޒް އަޙުމަދު ޒަކީ
އެމްޑީޕީ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް
7772464