ކޮލަމާފުށީ ފަންޑު ފޮއްޓަށް 24 ގަޑިއިރުގެ ތެރޭގައި 15000 އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ގއ ކޮލަމާފުށީގައި އެމްޑީޕީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ މެންދުރުފަހު ހުޅުވި ފަންޑު ފޮއްޓަށް 15000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ކޮލަމާފުށީ ކައުންސިލްގެ ރައީސް އަހުމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

އަހުމަދު ޖަމީލު ވިދާޅުވީ ކޮލަމާފުށީ ބަނދަރު ސަރަހައްދުގައި އެމްޑީޕީ މެންބަރުން އާޢްމުކޮށް ވަންނަ “އޮޅެދިޔެ ކެފޭ” ގައި އިއްޔެ މަޝްހޫރު ވިޔަފާރިވެރިޔާ ވަލީދު އިބުރާހީމް ( ސިންފަނީ ވަލީދު ) ހުޅުއްވައިދެއްވި މި ފަންޑަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ކަމަށާއި، 24 ގަޑިއިރުގެ ތެރޭގައި 15800 ރުފިޔާ ލިބިފައިވާ ކަމަށާއި، އެކަމަށްޓަކައި ކޮލަމާފުށީ އެމްޑީޕީ މެންބަރުންނަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

ކޮލަމާފުށީގައި އެމްޑީޕީގެ ހަރަކާތްތަކަށް ފަންޑްރައިޒް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ “ވައުދުގެ ދަތުރު” ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދާއި، އެ ޕާޓީގެ ލީޑަރޝިޕްގެ އެހެން ބޭފުޅުންނާއި އެމްޑީޕީގެ އެތައް ސަތޭކަ ސަޕޯޓަރުން ދެކުނަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.