ގއ ކޮލަމާފުށީގައި އެމްޑީޕީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން މިއަދު ފަންޑުފޮއްޓެއް ހުޅުވައިފިއެވެ.
ކޮލަމާފުށީ ބަނދަރު ސަރަހައްދުގައި އެމްޑީޕީ މެންބަރުން އާޢްމުކޮށް ވަންނަ “އޮޅެދިޔެ ކެފޭ” ގައި މިފަންޑު ފޮށި ހުޅުއްވައި ދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ވަލީދު އިބުރާހީމް ( ސިންފަނި ވަލީދު ) އެވެ. ފަންޑު ފޮށި ހުޅުވުމުގެ ގޮތުން ވަލީދު ވަނީ ފަންޑަށް ފައިސާ ހަދިޔާކުރެއްވުމަށްފަހު ކޮލަމާފުށީގެ އެމްޑީޕީ މެންބަރުން ހެޔޮވެރިކަމެއް ޤާއިމް ކުރުމަށް ކުރާ ބުރަމަސައްކަތަށް ހިތްވަރުދެއްވާފައެވެ.
މިރަސްމިއްޔާތުގައި އެމްޑީޕީއަށް ނިސްބަތްވާ 4 ކައުންސިލަރުންނާއި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ބައިވެރިވެފައިވެއެވެ.
އެމްޑީޕީއަށް އާދަޔާ ޚިލާފް ބޮޑު ސަޕޯޓެއް އޮންނަ، ކޮލަމާފުށީގައި މިއަދު ހުޅުވި މިފަންޑަށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު އާޢްމުކޮށް ހުޅުވާލެވިފައިކަމަށް ކޮލަމާފުށީ ކައުންސިލްގެ ރައީސް އަހުމަދު ޖަމީލް ވިދާޅުވިއެވެ.
ކޮލަމާފުށީގައި އެމްޑީޕީގެ ހަރަކާތްތަކަށް ފަންޑްރައިޒް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ “ވައުދުގެ ދަތުރު” ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދާއި، އެ ޕާޓީގެ ލީޑަރޝިޕްގެ އެހެން ބޭފުޅުންނާއި އެމްޑީޕީގެ އެތައް ސަތޭކަ ސަޕޯޓަރުން ދެކުނަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.