ކުޅުދުއްފުށީ ކައުންސިލް މެންބަރުންނާ އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ބައްދަލުކުރައްވައިފި

ހދ.ކުޅުދުއްފުށީ ކައުންސިލް މެންބަރުންނާ އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނކި ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީ އޮފީހުގައި ރޭ އޮތް މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވެސް ބައިވެރިވެވަޑައިގެން ކުޅުދުއްފުށީގެ ތަރައްގީއަށް ދިމާވެފައިވާ މައްސަލަތައް އެމްޑީޕީގެ ޗެއަރޕާސަންގެ ސަމާލުކަމަށް ގެންނެވިއެވެ.

އެގޮތުން އެމްޑީޕީގެ ސަރުކާރުން ކުރުމުއްދަތެއްގެ ތެރޭގައި ކުޅުދުއްފުށީގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ފަށާފައިވީ ނަމަވެސް އިންތިޚާބަކާ ނުލައި ކުއްލި ގޮތަކަށް އެމްޑީޕީގެ ސަރުކާރު ބަދަލުކުރުމަށް ފަހު މިހާރު ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާތީ އެކަމާ ބެހޭ ގޮތުން ރޭގެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

ސަރުކާރު ބަދަލުވުމުން އެންމެ ބޮޑަށް ގެއްލުންވި އެއް ރަށަކީ ކުޅުދުއްފުށިކަން އެ ރަށު ކައުންސިލް މެންބަރުން ރޭގެ ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. އަދި ކުޅުދުއްފުއްޓަށް ޣަފޫރު ވެދެއްވާ އެހީ ފާހަގަކޮށް އޭނާއަށް ކުޅުދުއްފުށީ ކައުންސިލް މެންބަރުން ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި އެމްޑީޕީގެ ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިޔަށްދާ ކަމަށާއި، އެރަށުގައި މިހާރުވެސް އެމްޑީޕީގެ އިތުރު ހަރުގެތައް އެޅުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޣަފޫރު ދެއްކެވި ވާހަކައިގައި، ކުޅުދުއްފުށީ ހޮސްޕިޓަލް ވެސް އާދައިގެ ސިއްހީ މަރުކަޒެއްގެ ދަރަޖައަށް ވެއްޓިފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި ކުޅުދުއްފުއްޓާއި އަތޮޅުތަކުގެ އެހެން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް މިހާރު ހުއްޓާލާފައިވީ ނަމަވެސް އެ މަޝްރޫއުތަކަށް އެމްޑީޕީ ސަރުކާރުން ބަޖެޓްކުރި ފައިސާ މިއަހަރުގެ ބަޖެޓުގައި ހުންނާނޭ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި މޫސަ ދެއްކެވި ވާހަކަފުޅުގައި މިހާރު ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން “ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމެއް ކޮށްފާނޭ ކަމަށް،” ދެކެވަޑައިނުގަންނަވާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީ ސަރުކާރުން ފަށާފައިވާ އަދި ފަށަން ހަމަޖެއްސި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މަޖިލިސް މެދުވެރިކޮށް މަސައްކަތްކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.