އުސްފަސްގަނޑުން ފުލުހުން ގެންދިޔަ ބައެއް ތަކެތި އެމްޑީޕީއާ ހަވާލުކޮށްފި

އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގަމުން ގެންދާ އުސްފަސްގަނޑަށް ފުލުހުންނާއި ސިފައިން މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެރޭ އަރައި އެތަނުން ގެންގޮސްފައިވާ ބައެއް ތަކެތި މިއަދު އެމްޑީޕީއާ ހަވާލުކޮށްފިއެވެ.

އުސްފަސްގަނޑުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެތަން ރޫޅާލުމުގެ މަސައްކަތް ނުކުރުމަށް އެކަމުގައި ޝާމިލްވާ އެންމެންގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް ފުލުހުން ވަނީ ސިފައިން މެދުވެރިކޮށް އުސްފަސްގަނޑުގެ ސްޓޭޖާއި، ބެންޗުތައް ނަގައި އެތަން ވަރަށް ބޮޑަށް ސުންނާފަތިކޮށްފައެވެ.

މިއަދު ފުލުހުން އެމްޑީޕީއާ ހަވާލުކުރި ބައެއް ތަކެތީގެ ތެރޭގައި ހިމެނެނީ އުސްފަސްގަނޑުން ގެންގޮސްފައިވާ 28 ދަގަނޑު ބެންޗާއި، 18 ޕެލެޓާއި، 4 މޭޒާއި، 1 ކަބަޑާއި، ނޯޓިސް ބޯޑަކާއި، 68 ފުޅިމަދުގަނޑާއި، އެކި ސައިޒްގެ 12 ދަގަނޑު ހޮޅިއާއި، އެންގަލް ދަގަނޑުބުރިއަކާއި، ނޫކުލައިގެ ޕްލާސްޓިކް ގޮނޑިއެކެވެ. ނަމަވެސް މިއީ އުސްފަސްގަނޑުން ފުލުހުން ގެންދިޔަ ތަކެތީގެ ތެރެއިން ބައެއް ކަމަށް ވުމުން އެމްޑީޕީގެ ގާނޫނީ ޓީމުގައި މިކަމާ މެދު މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ އެތައް މުދަލެއް ފުލުހުން އެކި ފަހަރު މަތިން ގެންގޮސްފައިވާ އިރު، މެއި 29 ވަނަ ދުވަހުގެރޭ އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ އެތަން ރޫޅާލުމަކީ އެމްޑީޕީއަށް އިއާދަ ނުކުރެވޭނޭ ގެއްލުމެއް ލިބިދާނޭ ކަމަކަށް ވާތީ އެކަމުގައި ޝާމިލްވާ އެންމެންގެ މައްޗަށް އެ ކޯޓުން އަމުރުކޮށްފައިވަނީ އެމްޑީޕީން ކޮށްފައިވާ ދައުވާގެ މަގުސަދަށް ހުރަސް އެޅޭނެ ފަދަ އެއްވެސް އަމަލެއް ވެސް ކޮށްގެންނުވާނެ ކަމަށެވެ. މި އަމުރަށް ތާއީދުކޮށް ޖޫން 5 ވަނަ ދުވަހު ހައިކޯޓުން ވެސް ވަނީ ހުކުމްކޮށްފައެވެ.

ހައި ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލްކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ ގާޒީއަށް ލިބިގެންވާ ބާރާއި އިޚްތިޔާރުގެ ދަށުން ނެރެފައިވާ އަމުރެއްކަމަށް ފަނޑިޔާރުން އިއްތިފާގުވާ ކަމަށެވެ.