އެމްޑީޕީގެ ޗެއަރޕާސަން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި މި ފަހަކަށް އައިސް އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އަދި އިންތިޚާބަކާ ނުލައި، ވެރިކަމަށް އައި ކުއްލި ބަދަލަށް ފަހު، އައްޑޫ ސިޓީގެ ތަރައްގީ ހުއްޓިފައިވާ މައްސަލައާއި ބެހޭ ގޮތުން އެ ކައުންސިލްގެ މެންބަރުން މޫސައަށް މައުލޫމާތު އެރުވިއެވެ. އަދި މިކަންތައް ހައްލުކުރުމަށް ޕާޓީ ލެވެލްގައި ކުރެވިދާނޭ ކަމަށް އެ މެންބަރުންނަށް ފެންނަ ކަންތައްތައް މޫސައަށް ހުށަހެޅުއްވިއެވެ.

މި ބައްދަލުވުމުގައި މޫސަ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީއާއި، ގައުމީ މަޖިލީސް މެދުވެރިކޮށް އައްޑޫ ސިޓީގެ ތަރައްގީއަށް އެޅިފައިވާ ހުރަސްތައް ނައްތާލުމަށް މަޝްވަރާކުރައްވާނޭ ކަމަށާއި، އެމްޑީޕީން ބޭނުން ވަނީ ކޮންމެ ގޮތަކުން އައި ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީން އައްޑޫގައި ފަށާފައިވާ ތަރައްގީގެ މަސައްކަތްތައް މެދުނުކެނޑި، ހަލުވިކަމާ އެކު ކުރިޔަށް ދިއުން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅަކީ އަވަސް އިންތިޚާބަކަށް ތައްޔާރުވުމަށް އެމްޑީޕީ އައްޑޫ ސިޓީން ފަށާފައިވާ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވުމަށް އެމްޑީޕީ އައްޑޫ ސިޓީ ދާއިރާގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.