އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކަށް ފުލުހުން އަނިޔާކުރި މައްސަލަ ޕީޖީއަށް ފޮނުވައިފި

މިއަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހު ފުލުހުން އެމްޑީޕީގެ ޗެއާރޕާސަން ރީކޯ މޫސައަށް އަނިޔާ ކުރި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން (ޕީއައިސީ އިން) ބުނެފިއެވެ.

“2012 ފެބްރުއަރީ 08 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ކުރި މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބަޔަކު އެޕާޓީގެ ޗެއާރޕާސަން މޫސާ މަނިކު، މ.ގުލްހަޒާރުގެ އަށް އަނިޔާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިގެން މި ކޮމިޝަނުން ބެލި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ނިމިފައެވެ. އަދި އެމައްސަލައާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރާނެ ތަން އޮތްކަމަށް ފެންނާތީ އެދައުވާގެ ކަންތައްތައް ކުރިއަށް ގެންގޮސްދެއްވުމަށް، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފީމެވެ.” މިކަމާ ގުޅިގެން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނުގައިވެ އެވެ.

އެމްޑީޕީން ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވި ސުލްހަވެރި ހިނގާލުން ރޫޅާލުމުގައި ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް، އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ އިރު، އޭގެ ތެރެއިން އެންމެ ސީރިއަސް ޙާލަތަކަށްދިޔަ އެއް ފަރާތް ކަމަށްވާ އެ ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކަށް ފުލުހުން ވަރަށް ބޮޑެތި އަނިޔާތަކެއް ދީ، ސީރިއަސް ޒަޚަމްތަކެއް ވިއެވެ. އަދި އެ ޒަޚަމްތަކަށް މޫސަ ވަނީ ރާއްޖެއިން ބޭރުގައި 3 ފަހަރެއްގެ މަތިން ފަރުވާ ހޯއްދަވާފައެވެ.