އެމްޑީޕީގެ 3 ދާއިރާއެއްގެ ބައި އިލެކްޝަންގެ ވޯޓުލުން މާލެ އާއި އެ ދާއިރާތަކުގައި ކުރިޔަށް އެބަދޭ

އެމްޑީޕީ ހދ.ނޮޅިވަރަމް ދާއިރާގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށާއި، އެމްޑީޕީ ށ.ކަނޑިތީމް ދާއިރާގެ ރައީސް ކަމަށާއި، އެމްޑީޕީ ތ.ކިނބިދޫ ދާއިރާގެ ރައީސް ކަމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން މާލެ އާއި އެދާއިރާތަކުގެ ރަށްރަށުގައި ފެށިގެން ކުރިޔަށް އެބަދެއެވެ.

މިއަދު ހެނދުނު 9 ން ފެށިގެން ކުރިޔަށްދާ މި ބައި އިލެކްޝަންތަކުގެ ވޯޓުލުން ހަވީރު 4 ޖަހަންދެން ކުރިޔަށްދާނެ އެވެ.

މިއަދު ކުރިޔަށްދާ ބައި އިލެކްޝަންގެ ތެރެއިން އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ހދ.މާވައިދޫ ނިރު އަޙުމަދު އުސާމަތު އެވެ. އެމްޑީޕީ ށ.ކަނޑިތީމް ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ށ. ކަނޑިތީމު ދޯދި، އަޙުމަދު އާތިފު އެވެ. އެމްޑީޕީ ތ.ކިނބިދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ މ. ސަނީ ކޯސްޓް މުޙައްމަދު ޝަރީފް (ސެންކޯ ޝަރީފް) އެވެ.

ވޯޓުލާ މަރުކަޒުގައި ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 1844 މެންބަރުން ތިއްބެވެ. އެއީ އެމްޑީޕީ ހދ.ނޮޅިވަރަމް ދާއިރާގެ 493 މެންބަރުންނާއި، އެމްޑީޕީ ށ.ކަނޑިތީމް ދާއިރާގެ 556 މެންބަރުންނާއި، އަދި އެމްޑީޕީ ތ.ކިނބިދޫ ދާއިރާގެ 795 މެންބަރުންނެވެ.

މި ބައި އިލެކްޝަންތަކުގެ ވޯޓުލުން މާލޭގައި އެމްޑީޕީ އޮފީހުގައި ކުރިޔަށްދާއިރު، އެ 3 ދާއިރާގެ އެމްޑީޕީ ދާއިރާ އޮފީހުން ހަމަޖައްސާފައިވާ މަރުކަޒުތަކުގައި ވެސް ވަރަށް އަމާން ކަމާއެކު ވޯޓުލުން ކުރިޔަށްދާ ކަމަށް އެމްޑީޕީގެ ސެކްރެޓޭރިއަޓް ގައި އިލެކްޝަންސް ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތް ކުރައްވާ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު އަކުރަމް ވިދާޅުވިއެވެ.