މި ސަރުކާރުން ހިންގާ އެއްވެސް މަޝްވަރާއެއްގައި ބައިވެރި ނުވުމަށާއި، މަޖިލީހުގެ އެއްވެސް ޖަލްސާއެއްގަ އާއި ކޮމެޓީތަކުގެ ބައްދަލުވުންތަކުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)ގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް ގޮވާލައި ޤައުމީ މަޖިލީހުގެ މެމްބަރުން ވާހަކަދައްކައި، ޤަރާރެއް ފާސްކޮށްފިއެވެ.
ޤައުމީ މަޖިލީހުގެ މެމްބަރު ހަސަން އަފީފު ޤަރާރު ހުށަހަޅުއްވަމުން ވިދާޅުވީ، ގައުމީ މަޖިލީހުން މިގޮތަށް ޕީޖީ ގްރޫޕަށް ހުށަހަޅަނީ ކޯނީ ރިޕޯޓުގެ އެއްބައި ބަލައިގަނެ ޤާނޫނާ ހިލާފް އަމަލުހިންގި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތުމުން ކަމަށެވެ.
މުޙައްމަދު ޝިޙާބް ތާޢީދުކުރެއްވި މިޤަރާރްގައި ވަނީ، ކޯނީގެ ރިޕޯޓްގައި ކުރުމަށް އިރުޝާދުދެއްވާފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރައްވާ މަސައްކަތްތަކުގައި މި ޕާޓީ ގެ ޕާލިމެންޓަރީ ގްރޫޕުން ވެލެއްވި އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުން މަޝްވަރާ އަރުވާކަމަށެވެ. އަދި ކޯނީ ގެ ރިޕޯޓް ގައި އިރުޝާދު ދެއްވާފައިވާ ކަންކަން ހާޞިލްކުރެއްވުމަށް މަސައްކަތް ނުކުރައްވައި އެހެން އެއްވެސް މަސައްކަތެއް ކުރެއްވުމަކީ ރައްޔިތުންނަށް ކުރެއްވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެތީ، އެކަންކަން ކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އެޖެންޑާ ކުރެއްވުމުން ނޫނީ، 2013 ވަނަ އަހަރަށް ހުށަހެޅޭ ބަޖެޓް ގެ މަސައްކަތްތަކުގައި ފިޔަވައި އެ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއްގައި މި ޕާޓީގެ ޕާލިމެންޓަރީ ގުރޫޕް ގެ އެއްވެސް މެމްބަރަކު ބައިވެރިވެ ނުލެއްވުމަށެވެ.
ކޯނީގެ ރިޕޯޓާއި ގުޅުން ހުރި ސިޔާސީ ޕާޓީ ތަކާއެކު ސަރުކާރުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވައި، އަދި ފަހުން “ލީޑަރސް ޑައިލޮގް” ގެ ނަމުގައި ކުރިއަށް ގެންދަވާ ވާހަކަތަކުގައި މި ޕާޓީ އިން ބައިވެރިވުން އަދި އިހަށް ފަސްކޮށްލުމަށް މި ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ނިންމަވާފައި ވަނީވެސް، ކޯނީގެ ރިޕޯޓްގައި އިރުޝާދުދެއްވާފައިވާ ކަންކަން ހާޞިލްކުރެއްވުމުގެ މަސައްކަތްތަކަށް އިސްކަން ދެއްވުމަށް ކަމުގައި ފާހަގަކުރެވޭތީ، އެ ނިންމެވުމަށް މި މަޖިލީހުން ތާއީދުކުރެއެވެ.