އެމްޑީޕީގެ 3 ދާއިރާއެއްގެ ބައި އިލެކްޝަން މާދަމާ އޮންނާނެ

އެމްޑީޕީގެ 3 ދާއިރާއަކުން ހުސްވެފައިވާ މަގާމްތަކަށް މެންބަރުން އައްޔަންކުރުމަށް ބާއްވާ ބައި އިލެކްޝަން މާދަމާ އޮންނާނެއެވެ.

އެމްޑީޕީ ހދ.ނޮޅިވަރަމް ދާއިރާގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށާއި، އެމްޑީޕީ ށ.ކަނޑިތީމް ދާއިރާގެ ރައީސް ކަމަށާއި، އެމްޑީޕީ ތ.ކިނބިދޫ ދާއިރާގެ ރައީސް ކަމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ މި ބައި އިލެކްޝަންގެ ވޯޓުލުން މާދަމާ ހެނދުނު 9 ން ފެށިގެން ހަވީރު 4 އަށް މާލެ އާއި އެ ދާއިރާތަކުގައި ކުރިޔަށްދާނެ އެވެ.

އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ހދ.މާވައިދޫ ނިރު އަޙުމަދު އުސާމަތު އެވެ. އެމްޑީޕީ ށ.ކަނޑިތީމް ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ށ. ކަނޑިތީމު ދޯދި، އަޙުމަދު އާތިފު އެވެ. އެމްޑީޕީ ތ.ކިނބިދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވަނީ މ. ސަނީ ކޯސްޓް މުޙައްމަދު ޝަރީފް (ސެންކޯ ޝަރީފް) އެވެ.

ވޯޓުލާ މަރުކަޒުގައި ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 1844 މެންބަރުން ތިއްބެވެ. އެއީ އެމްޑީޕީ ހދ.ނޮޅިވަރަމް ދާއިރާގެ 493 މެންބަރުންނާއި، އެމްޑީޕީ ށ.ކަނޑިތީމް ދާއިރާގެ 556 މެންބަރުންނާއި، އަދި އެމްޑީޕީ ތ.ކިނބިދޫ ދާއިރާގެ 795 މެންބަރުންނެވެ.

މި ބައި އިލެކްޝަންގައި މާލޭގައި ވޯޓުލުންކުރިޔަށްދާނީ އެމްޑީޕީ އޮފީހުގައެވެ. މީގެ އިތުރުން މި 3 ދާއިރާގައި ހިމެނޭ ރަށްރަށުގައި ވޯޓުލުން ކުރިޔަށް ގެންދާނޭ ތަނެއް ހަމަޖައްސާނީ އެ ދާއިރާއެއްގެ އެމްޑީޕީ ދާއިރާ އޮފީހުން ނެވެ.