ފެބްރުއަރީ 8 ގެ ހާދިސާ އާއި ގުޅިގެން ދައުވާކުރާ އައްޑޫސިޓީގެ 20 މީހެއްގެ ޝަރީޢަތް ވަކި މުއްދަތެއް ނެތި ފަސްކޮށްފި

ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރާ މީހުންގެ ޝަރީއަތް ހިންގަމުން ގެންދާ ގޮތާ މެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، އޭގެތެރެއިން 20 މީހެއްގެ ޝަރީޢަތް ވަކި މުއްދަތެއްނެތި ފަސްކޮށްފިއެވެ.

އައްޑޫ ސިޓީގެ އެމްޑީޕީ މެންބަރުންގެ ޝަރީއަތް ލަސްވަމުން ދިއުމުގެ ސަބަބުންނާއި، އެފަރާތްތަކަށް މާލޭގައި ތިބުމާއި ކެއުމުގެ ޚަރަދަށް ދިނުމަށް ކޯޓުން ކަނޑައަޅާފައިވާ ބޯނަސް ވެސް ގިނަ މީހުންނަށް ލިބެމުން ނުދާތީ އެމްޑީޕީގެ ގާނޫނީ ޓީމުގެ މެންބަރު އަބްދުﷲ ހަސީން މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މާލެ ގެނެސް ދައުވާކުރާ އެމްޑީޕީގެ މެންބަރުން ހައްޔަރުކޮށްފައިވަނީ އައްޑޫ ޕީޕީއެމް އަށް ނިސްބަތްވާ މެންބަރުންދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އައްޑޫ ސިޓީން މާލެ ގެނެސް މާލޭގައި އެމްޑީޕީގެ މެންބަރުންނާ ދެކޮޅަށް ދައުވާކުރާއިރު، އެމީހުންނާ ދެކޮޅަށް ހެކިބަސްދޭ މީހުންގެ ތެރޭގައި އެންމެ މީހަކު ފިޔަވައި ދެންތިބީ ކޮންބައެއް ކަމެއް ވެސް ނޭނގޭ ކަމަށް އެމީހުން ބުނާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

މިއަދު ވަކި މުއްދަތެއް ނެތި ޝަރީއަތް ފަސްކޮށްފައިވާ 20 މީހުންގެ ތެރޭގައި މުޅިން ވެސް ހިމެނެނީ އައްޑޫ ސިޓީގެ ހިތަދޫ އަވަށުގެ މީހުންނެވެ.