ދެންނެވުން: ވައުދުގެ ދަތުރު

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ނަޝީދު، ގިނަޕާޓީ ވާދަ ކުރި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ، އެއިންތިހާބީ ކާމިޔާބު ލިބިވަޑައިގަތުމުން، ރާއްޖޭގެ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. 2012 ވަނަ އަހަރުގެ ފެބްރުވަރީ މަހުގައި، އެމް.ޑީ.ޕީގެ ވެރިކަން ބާރުގެ ބޭނުންކޮށްގެން ބަދަލުކުރެވުނުއިރު، 2008 ވަނަ އަހަރު ރައްޔިތުން އެމް.ޑީ.ޕީ ސަރުކާރަށް ކަށަވަރު ކޮށްދީފައިވާ ފަސް އަހަރުގެ މުއްދަތު ހަމައެއް ނުވެއެވެ. ބާކީ އަހަރަކާއި ނުވަމަސް ދުވަސް އޮތެވެ. އެމް.ޑީ.ޕީގެ ވައުދުތައް ފުއްދުމަށް މަދުވި އަހަރާއި ނުވަމަސް ދުވަހެވެ.

އެމް.ޑީ،ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އާއިއެކު، މިފެށޭ ޙާއްސަ ދަތުރަކީ ރާއްޖޭގެ ބޮޑު ދެކުނުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށް ކުރެވޭ ދަތުރެކެވެ. ދަތުރުގެ ބޭނުމަކީ ޕާޓީގެ ފަރާތުން ވީ ވައުދު ފުއްދުނު މިންވަރު ދެނެގަތުމެވެ.
3 އޮކްޓޯބަރ 2012 ގައި ވައުދުގެ ދަތުރު ފެށޭނެއެވެ. މިދަތުރު ހިނގަމުން ދާނީ ކަނޑާ، ވަޔާ، އެއްގަމުގެ ދަތުރުގެ ގުޅިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެންނެވެ. މިއީ ރައްޔިތުންގެ ތަނަވަސްކަމާ ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމް.ޑީ.ޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކުރެވޭ ދަތުރެކެވެ.

ވައުދުގެ ދަތުރުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާރޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އަމިއްލަފުޅަށް މިދަތުރުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ރެޖިސްޓްރީކޮށް މަޢުލޫމާތު އެރުވުން 16 ސެޕްޓެމްބަރު 2012 ވަނަ ދުވަހުން ފެށިގެން އެމް.ޑީ.ޕީގެ މައި ސެކެރެޓޭރިޔަޓުން ނާއި ޕުރޮވިންސްތަކުގެ ރައްރަށުގެ ޕާޓީ އޮފީހުންނާއި އަދި ޖަގަހަ ތަކުގައި ކުރިއަށްދާނެއެވެ.

މިއީ ތަފާތު ރެލީތަކާ ޚާއްސަ ޖަލްސާތަކާ މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެކެވެ. މިތާރީޚީ ދަތުރާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އާއްމު ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.