އެމްޑީޕީގެ 3 ދާއިރާއެއްގެ އިންތިޚާބު މިއަންނަ ހޮނިހިރު ދުވަހު އޮންނާނެ

އެމްޑީޕީގެ 3 ދާއިރާއަކުން ހުސްވެފައިވާ މަގާމްތަކަށް މެންބަރުން އައްޔަންކުރުމަށް ބާއްވާ އިންތިޚާބު 15 ސެޕްޓެމްބަރު 2012 ވާ ހޮނިހިރު ދުވަހު އޮންނާނެއެވެ.

އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ސެކްރެޓޭރިއަޓް ގައި އިންތިޚާބުތަކާ ބެހޭ ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތްކުރައްވާ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަހުމަދު އަކުރަމް ވިދާޅުވީ އެމްޑީޕީ ހދ.ނޮޅިވަރަމް ދާއިރާގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށާއި، އެމްޑީޕީ ށ.ކަނޑިތީމް ދާއިރާގެ ރައީސް ކަމަށާއި، އެމްޑީޕީ ތ.ކިނބިދޫ ދާއިރާގެ ރައީސް ކަމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ މި އިންތިޚާބުގެ ވޯޓުލުން މިއަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9 ން ފެށިގެން ހަވީރު 4 އަށް މާލެ އާއި އެ ދާއިރާތަކުގައި ކުރިޔަށްދާނޭ ކަމަށެވެ.

އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ހދ.މާވައިދޫ ނިރު އަޙުމަދު އުސާމަތު އެވެ. އެމްޑީޕީ ށ.ކަނޑިތީމް ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ށ. ކަނޑިތީމު ދޯދި، އަޙުމަދު އާތިފު އެވެ. އެމްޑީޕީ ތ.ކިނބިދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވަނީ މ. ސަނީ ކޯސްޓް މުޙައްމަދު ޝަރީފް (ސެންކޯ ޝަރީފް) އެވެ.

މި އިންތިޚާބުގައި މާލޭގައި ވޯޓުލުންކުރިޔަށްދާނީ އެމްޑީޕީ އޮފީހުގައެވެ. މީގެ އިތުރުން މި 3 ދާއިރާގައި ހިމެނޭ ރަށްރަށުގައި ވޯޓުލުން ކުރިޔަށް ގެންދާނޭ ތަނެއް ހަމަޖައްސާނީ އެ ދާއިރާއެއްގެ އެމްޑީޕީ ދާއިރާ އޮފީހުން ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.

ވޯޓުލާ މަރުކަޒުގައި ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 1844 މެންބަރުން ތިއްބެވެ. އެއީ އެމްޑީޕީ ހދ.ނޮޅިވަރަމް ދާއިރާގެ 493 މެންބަރުންނާއި، އެމްޑީޕީ ށ.ކަނޑިތީމް ދާއިރާގެ 556 މެންބަރުންނާއި، އަދި އެމްޑީޕީ ތ.ކިނބިދޫ ދާއިރާގެ 795 މެންބަރުންނެވެ.