ޢަލީ ވަޙީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ކުރިއަށް ގެންދެވޭނޭކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި

ދައުލަތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިން ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ރައީސް ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަޙީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންދިޔައީ ދައުވާ ނުކޮށް ދޫކޮށްލުމަށް އެއްބަސްވެގެން ކަމަށް އަލީ ވަހީދަށް ޝަރީއަތަށް ސާބިތު ކޮށްދެވިފައި ނުވާކަމަށް ބުނެ އެދަޢުވާގެ ޝަރީޢަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

އަލީ ވަޙީދު މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ އަނބުރާ ގެންދިއުމަށް ފަހު އަލުން ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، އެ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނޭކަމަށް ޢަލީ ވަޙީދުގެ ވަކީލު ހުސްނުއްސުޢޫދު ނެގި އިޖުރާޢީ ނުކުތައާ ގުޅިގެން މިއަދު ބޭއްވެވި ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ ވިދާޅުވީ، ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ގެންދިޔައީ ދައުވާ ނުކޮށް ދޫކޮށްލުމަށް އެއްބަސްވެގެން ކަމަށް އަލީ ވަހީދަށް ޝަރީއަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށާއި، އެ މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހަޅާފައި ވަނީ ގާނޫނު އަސާސީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ޤާނޫނުގެ ދަށުން ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން ކަމަށެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހަށް ފަހު މީޑިޔާއަށް މަޢުލޫމާތުދެއްވަމުން ޢަލީ ވަޙީދު ވިދާޅުވީ، ޝަރީޢަތުގެ މަޖިލީހުން މައްސަލައަށް ހާޒިރުކުރުމުގައި ތަފާތުތަކެއް ގެންގުޅުއްވާތީ ހިތާމަކުރައްވާކަމަށެވެ. އަދި އެމަނިކުފާނު ޗުއްޓީއަކަށް އެދި ވަޑައިގެންނެވި ނަމަވެސް ކޯޓުން ޗުއްޓީ ދީފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި ޗުއްޓީ ނުނަންގަވައި އެމައްސަލައިގައި ކުރިއަށް ވަޑައިގަންނަވަން މިހާރު ހުންނެވީ ތައްޔާރަށް ކަމަށާއި، އެމްޑީޕީގެ މެމްބަރުންނަކީ ކޯޓަށް ދާން ޖެހިގެން ފަހަތަށް ޖެހޭނޭ ބައެއް ނޫންކަމަށް ވެސް އަލީ ވަހީދު މިއަދު ވިދާޅުވިއެވެ.

އަލީ ވަޙީދުގެ މައްޗަށް ކޮށްފައިވަނީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން އަދާ ކުރި ކަމަށް ބުނެ ކޮށްފައިވާ ދަޢުވާއެކެވެ.