އަދިވެސް ދުނިޔޭގެ ނަޒަރު ދިވެހިރާއްޖެއިން ކައްސާލައިގެނެއް ނުދޭ – އިންތި

ސީމެގްގެ ބައްދަލުވުމެއް 28 ސެޕްޓެމްބަރުގައި ނިއު ޔޯރކުގައި އޮންނަ ގޮތަށް ހަމަޖެހިފައިވާ އިރު، އަދިވެސް ދުނިޔޭގެ ނަޒަރު ދިވެހިރާއްޖެއިން ކައްސާލައިގެން ގޮސްފައި ނުވާ ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މީޑިއާތަކަށް ރޭ ފޮނުއްވި އެސްއެމްއެސް އެއްގައި އިތުރަށް ވިދާޅުވީ އަވަސް އިންތިޚާބެއް ނުބާއްވަނީސް އަދި ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރި ނުކުރެވެނީސް ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރާ މަސައްކަތް ނުހުއްޓާނޭ ކަމަށެވެ.

“ރާއްޖޭގެ ސުލްހަ އާއި ހަމަޖެހުން ގާއިމް ނުވަނީސް، އަދި އިންތިޚާބެއް ނުބާއްވަނީސް، އަދި ހަމަ އެހެންމެ ރާއްޖޭގައި ގާނޫނުގެ ވެރިކަމެއް ނަގަހައްޓައި، އިންސާނީ ހައްގުތައް ރައްކާތެރި ނުކުރާހާ ހިނދަކުބައިނަލް އަޤްވާމީ ފަރާތްތަކުގެ މަސައްކަތެއް ނުހުއްޓާނެއެވެ.” އިންތިގެ އެސްއެމްއެސް ގައި ވެ އެވެ.

އިންތި މިހެން ވިދާޅުވެފައިވާއިރު ފެބްރުއަރީ 7 ގައި ރައީސް މުޙަންމަދު ނަޝީދުގެ ވެރިކަން އިންތިޚާބަކާ ނުލައި ބަދަލުކުރި ހާދިސާއަށްފަހު ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެޖެންޑާގައި ރާއްޖެ ހިމަނާފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއިމެދު އިއްޔެ ގޮތެއް ނިމިފައި ނުވާ ކަން ފާހަގަކުރެވެއެވެ. އަދި ސީމެގް އެޖެންޑާއިން ރާއްޖެ އުނި ނުކޮށްފި ނަމަ ކޮމަންވެލްތުން ވަކިވާން ޖެހިދާނެކަމުގެ އިންޒާރު ސަރުކާރާ ހަވާލުވެގެން ތިއްބެވި ފަރާތްތަކުން ދެމުން ގެންދާކަން ވެސް ފާހަގަކުރެވެ އެވެ.