އެމްޑީޕީއަށް ސަލާމަތްތެރި ކަމާއިއެކު ސިޔާސީ ޙަރަކާތްތައް ހިންގޭނޭ ވެއްޓެއް ޤާއިމްކޮށް ދެއްވުމަށް އިލެކްޝަންސް ކޮމިނިޝަންގައި ދަންނަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ހިންގަމުން ގެންދާ ސުލްޙަވެރި ސިޔާސީ ހަރަކާތްތަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ތަކުރާރުކޮށް ހުރަސް އަޅަމުން ގެންދާތީއާއި، އެމްޑީޕީ އާއި އެ ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކާއިމެދު ޕޮލިސް ސަރވިސްގެ ޢަމަލުތައް އަނިޔާވެރިކަމާއި ހަރުކަށިކޮށް ހުންނާތީ، އެމްޑީޕީއަށް ސަލާމަތްތެރި ކަމާއިއެކު ސިޔާސީ ޙަރަކާތްތައް ހިންގޭނޭ ވެއްޓެއް ޤާއިމްކޮށް ދެއްވުމަށް އިލެކްޝަންސް ކޮމިޝަންގައި ދަންނަވައިފިއެވެ.

އެމްޑީޕީން މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައިވަނީ، އެމްޑީޕީއަކީ އަބަދުވެސް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަމުންގެންދާ ޕާޓީއެއްކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ޤަވާއިދުތަކަށް އިޙްތިރާމްކުރާ ޕާޓީއެއްކަމަށެވެ.

އެހެން ނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެބޭފުޅުންނަށް ޤާނޫނީ ގޮތުން ލިބިގެންވާ ބާރު ނަހަމަ ގޮތުގައި، އެމްޑީޕީއަށް ފިއްތުންތައް ކުރިމަތި ކުރުމަށް ތަކުރާރުކޮށް ބޭނުންކުރަމުންދާކަން މި ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން، މާލޭ ސިޓީ ކައުންސިލުގެ ހުއްދަ އާއިއެކު ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީގެ ހަރަކާތްތައް ހިންގަމުން ދިޔައިރު، 7 މާޗް 2012 ދުވަހުގެ ރޭ އެތަނަށް ފުލުހުންވަދެ، އެތަނުގައި ތިބި އެމްޑީޕީއަށް ތާއީދުކުރާ މީހުންނަށް އަނިޔާކޮށް، ސްޓޭޖްމަތީގައި ހުރި ޕޯޑިއަމް ހަލާކުކޮށްލާ، ގޮނޑިތަކާއި ޕާޓީގެ އެހެނިހެން މުދަލަށް ގެންލުންދީ، 19 މާޗް 2012 ދުވަހު ފުލުހުނާއި ސިފައިން ރާޅުގަނޑު ސަރަހަށްދަށް ވަދެ އެތަން ރޫޅާލައި، އެތަނުގައި ހުރި ޕާޓީގެ ހުރިހާމުދަލެއް ގެންދިއުމަށް ފަހު، މިއަދާ ހަމައަށްވެސް އެމުދާތައް ޕާޓީއާއި ޙާވާލުކުރަން ފުލުހުން އިންކާރުކޮށްފައިވާކަން ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ޕާޓީގެ ހަރަކާތް ތަކުގައި ބޭނުންކުރާ ދިދަ، ޕްލަކާޑު، އަޑުގަދަކުރާ ފަދަ ތަކެތި ތަކުރާރުކޮށް ޤާނޫނާއި ޚިލާފަށް އަތުލަމުންދާ ކަމާއި، އެތަކެތި އަތުލުމަށްފަހު އަނބުރާ ނުދޭކަންވެސް އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އަދި، ޕާޓީގެ ފަރާތުން ބާއްވާ އެކިއެކި މުޒާހަރާތަކަށް ހުރަސް އަޅާ، ފުލުހުންގެ އިންޓެލް މީހުން ޕާޓީގެ މުޒާހިރާތަކަށާއި އުސްފަސްގަނޑު ސަރަހައްދަށް ފޮނުވައި، ހަމަނުޖެހުންތައް ހިންގުވަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށް މި ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ސިޔާސީ ހަރަކާތް ތަކުގައި ބައިވެރިވުމާއި، ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަންވެސް ނިގުޅައި ގަންނަމުންދާކަމާއި، އެމްޑީޕީއަށް ތާއީދުކުރާ މެންބަރުން ގިނަ އަދަދަކަށް ޙައްޔަރުކުރުމާއި، އެމީހުންނަށް އަނިޔާކުރުމާއި ބިރުދެއްކުން ތަކުރާރު ކުރަމުންދާ ކަމުގައިވެސް އެމްޑީޕީގެ ސިޓީގައި ދަންނަވާފައިވެއެވެ.