ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާ 47 މީހުންގެ މައްޗަށް ކުރާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވައިފި

ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާ 47 މީހުންގެ މައްޗަށް ކުރާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވައިފިއެވެ.

އައްޑޫ ސިޓީގެ ޕީޕީއެމް މެންބަރުން ދީފައިވާ މައުލޫމާތަށް ބިނާކޮށް ފެބްރުއަރީ 8 ގެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރުކޮށް، މިހާރު ޓެރަރިޒަމްގެ ދައުވާކުރާ މީހުންގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު، މި މައްސަލައިގައި ދައުވާލިބޭ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރު އަހުމަދު މިރުޒާދު (މިރާ) ވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް މެޓްރިކްސް މޯޑު މިވަތު މަޖިލީހުގެ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި އުޅުއްވާތީ ކޯޓަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.

ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރާ ފަރާތްތަކުގެ ޝަރީއަތް ލަސްވަމުން ދިއުމުގެ ސަބަބުންނާއި، އެފަރާތްތަކަށް މާލޭގައި ތިބުމާއި ކެއުމުގެ ޚަރަދު ދިނުމަށް ކޯޓުން ކަނޑައަޅާފައިވާ ބޯނަސް ވެސް ލިބެނީ ވަރަށް މަދު މީހަކަށް ކަން ފާހަގަކޮށް، އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީން މާލެ ގެނެސް މާލޭގައި އެމްޑީޕީގެ މެންބަރުންނާ ދެކޮޅަށް ދައުވާކުރާއިރު، އެމީހުންނާ ދެކޮޅަށް ހެކިބަސްދޭ މީހުންގެ ތެރޭގައި އެންމެ މީހަކު ފިޔަވައި ދެންތިބީ ކޮންބައެއް ކަމެއް ވެސް ނޭނގޭ ކަމަށް ދައުވާ ލިބޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވަކިވަކިން ބޭއްވި މިއަދުގެ ޝަރީއަތުގެ އަޑުއެހުންތަކުގައި ދައުވާ ލިބޭ ފަރާތްތަކުން ވަނީ ދައުވާއަށް އިންކާރުކޮށް ވަކީލުން އައްޔަންކުރުމުގެ ފުރުސަތަށް އެދިފައެވެ.