ނަޑެއްލާ ސްކޫލުގައި ޕްރިންސިޕަލެއްނެތި ދިރާސީ އަހަރު ނިމެމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށް ނަޑެއްލާ ގޮފިތަކުން ނެރޭ ނޫސް ބަޔާން

ނަޑެއްލާ ސްކޫލުގައި 189 ދަރިވަރަކު ތަޢުލީމް ހާސިލްކުރަމުންދާހިނދު 9 ބިދޭސީ ޓީޗަރުން މަސައްކަތް ކުރަމުންދެއެވެ. އަދި ދޭސީ ޖުމްލަ 7 ޓިޗަރުން މަސައްކަތް ކުރަމުންދާއިރު ދޭސީ 4 ޕްރައިމަރީ ޓިޗަރުންނާއި 3 ވަގުތީ ޓިޗަރުން ދަރިވަރުންނަށް ތަޢުލީމް އުގަންނައި ދިނުމުގައި ރެޔާއި ދުވާލު ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. ތަނުގެ އިދާރީ މުވައްޒަފުން ނާއި ޓީޗަރުން ނަޑެއްލާގެ އަންނާން އޮތް ޖީލުތަކުގެ ހައްޤުގައި ކުރައްވަމުން ގެންދަވާ އިންސާނީ މަސައްކަތުގެ އަގުވަޒަންކޮށް އެފަރާތްތަކަށް މި ގޮފިތަކުގެ ފަރާތުން އިޙްލާސްތެރި ޝުކުރު ދަންނަވަމެވެ.

ނަޑެއްލާ ސްކޫލްގައި ސްކޫލްހިންގުމުގެ ޒިންމާ އަދާކުރާނެ ތަމްރީން ވެފައިވާ ޒަމާނީ ތަޢުލީމުގެ ނިޒާމަށް ފެތޭ އިލްމާއި ހިލްމު ލިބިހުރި ޕްރިންސިޕަލެއް ނެތިމެ ސްކޫލްގެ ކަން ކަން ރާވާހިންގާ ދަރިވަރުންގެ ތަޢުލީމް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ގެންދަވާތީ ނަޑެއްލާ ސްކޫލްގެ އެންމެހައި މުވައްޒަފުންނަށް ނުހަނު އިހްލާސްތެރި ޝުކުރެއް ރައްދުކުރަމެވެ.

ނަމަވެސް ދިރާސީ އާއަހަރުފެށި އަހަރުގެ ފަހު އިމްތިހާނާއި ދަރިވަރުން ކުރިމަތި ލުމަށް މަދު ދުވަސްކޮޅަކަށް ވަމުންދާ ހިނދު ނަޑެއްލާ ސްކޫލުގައި ޕްރިންސިޕަލެއް ނެތްކަމީ އަދުގެ ސަރުކާރާއި ނަޑެއްލާ ކައުންސިލުން ނަޑެއްލާގެ ޅަދަރީންގެ މުސަތަޤުބަލާއިމެދު ކުޑަނަމަވެސް ވިސްނުމެއް ގެންގުޅެމުން ނުދާކަމުގެ އަލިގަދަ ހެއްކެކެވެ.

ދިރާސީ އާއަހަރުގެ 9 މަސްދުވަސް ފާއިތު ވަމުންދާއިރު ނަޑެއްލާ ސްކޫލަށް ޕްރިންސިޕަލަކު ގެނައުމުގައި ނަޑެއްލާ ކައުންސިލާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން މިވަނީ ނުކުޅެދިފައެވެ. މި ކަންކަމާއި ގުޅިގެން މި ގޮފިތަކުގެ ވެރީންގެ ފަރާތުން މިކަން ކަން ވާނީ މިނިސްޓރީ އޮފް އެޑިޔުކޭޝަންގެ ސަމާލުކަމަށް ގެނެވިފައެވެ. ނަމަވެސް ފޮނުވިފައިވާ ސިޓީ ތަކުގެ ޖަވާބެއް އަރުވާފައި ނުވާހިނދު މިކަމުގައި އަމަލީ ގޮތުން މަސައްކަތް ތަކެއް ކުރަމުންގެންދާ މަންޒަރެއްވެސް މި ގޮފިތަކަށް ފެނިފައި ނުވެއެވެ. ނަޑެއްލާ ކައުންސިލްގެ 5 މެމްބަރުން ތާޢީދުކުރާ ސަރުކާރެއް އޮވެމެ ނަޑެއްލާގެ ތަރައްޤިގެ މިފަދަ ކަންކަން ދުވަހުން ދުވަހަށް ހީނަރުވެ ތަރައްޤީގެ މަގުގައި ނަޑެއްލާ ކުރިއަށް ދާންޖެހޭ މިންވަރަށް ކުރިއަށް ނުދާކަމީ މި ގޮފިތަކުން ނުހަނު ހިތާމަކުރާ ކަމެކެވެ.

ވީމާ، ވީ އެންމެ އަވަސް މުއްދަތެއްގައި ނަޑެއްލާ ސްކޫލަށް ޕްރިންސިޕަލަކު ހަމަޖެހޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމާއި އެކު ނަޑެއްލާގެ ތަޢުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ނަޑެއްލާ ކައުންސިލާއި އެޑިޔުކޭޝަން ޔުނިޓާއި އެޑިޔުކޭޝަން މިނިސްޓްރީގެ ވެރީން މިއަށްވުރެ ޒިންމާދާރުވެ. ރަށާއި ރައްޔިތުންގެ ހައްޤުގައި ނަޑެއްލާގެ އަންނާން އޮތް ޖީލުގެ ހައްޤުގައި ނަޑެއްލާގެ ޅަދަރީންގެ މުސްތަޤުބަލް އެމައްޗަށް ބިނާވެފައިވާ ތަޢުލީމް ހަރުދަނާކުރުމަށް އަދުގެ ސަރުކާރާއި ކައުންސިލާއި ކަމާއި ބެހޭ އެއްމެހައި ފަރާތްތަކަށް ނުހަނު އިޙްލާސްތެރިކަމާއި އެކު ގޮވާލަމެވެ.

9 ސެޕްޓެމްބަރ 2012

ނަން: ޙަމްދޫން ރަޝީދު
މަޤާމް: ނަޑެއްލާ އެމް.ޑީ.ޕީ މެދުމިން ގޮފީގެ ރަޢިސް


ނަން: މުޙައްމަދު އަބްދުﷲ
މަޤާމް: ނަޑެއްލާ އެމް.ޑި.ޕީ ޒުވާނުންގެ ގޮފީގެ ރަޢީސް