ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައީ ޤާނޫނީ ހަމަތަކުގެ މަތިންތޯއާއި އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާދެއްވީ މަޖުބޫރީ ޙާލަތެއް މެދުވެރިވެގެންތޯ ބެލުމަށްޓަކައި އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން 30 އޮގަސްޓު 2012 ވަނަ ދުވަހު އާއްމުކުރި ރިޕޯޓާ ގުޅިގެން ދިވެހިރައްޔިތުންގެ އެތައް ބަޔަކަށް ހިތްނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ކުރިމަތިވިއެވެ. އެރިޕޯޓު ނެރުމުގެ ކުރިން، އެ ކޮމިޝަނުގައި ހިމެނިވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ “ނޮމިނީ” އަލްފާޟިލް އަޙުމަދު ސަޢީދު 29 އޮގަސްޓު 2012 ވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވެއެވެ. އަދި އަލްފާޟިލް އަޙުމަދު ސަޢީދު އިސްތިއުފާދެއްވަމުން ވިދާޅުވެފައިވަނީ އެރިޕޯޓު ލިޔެވެމުން ދިއައިރު ވަކިފަރާތަކަށް ބުރަވާގޮތަށް ލިޔެވި އެތައް ބަޔަކު ކޮމިޝަނަށް ހުށައެޅި ހެކިތަކާ އަދި ބަޔާންތައް އެރިޕޯޓުގައި ހިމެނިފައިނުވާ ކަމަށެވެ. އަދި މުހިއްމު އެތަކެއް ސީ.ސީ.ޓީ.ވީ ފުޓެޖް ބަނޑޭރިކޮށިންނާއި، ފުލުހުންގެ މައި މަރުކަޒުން އަދި ރައީސުލޖުމްހޫރިއްޔާގެ އޮފީހުން ލިބިފައިނުވާކަން އޭނާ ފާހަގަކުރައްވާފައިވެއެވެ. ކަންމިހެން ހުރުމާއެކުވެސް ރައީސް މުޙައްމަދު ނަޝީދު ވަނީ އަޙްމަދު ސަޢީދުގެ ރެޒަވޭޝަންތަކާއެކު އެ ރިޕޯޓު ބަލައިގަންނަވައިފިކަމަށް ވިދާޅުވެފައެވެ.
2008 ވަނަ އަހަރު ރައްޔިތުން އިންތިޚާބުކުރި ދިވެހިރާއްޖޭގެ ވެރިކަން 7 ފެބްރުއަރީ 2012 ވަނަދުވަހު ބަދަލުވެގެން ދިޔައީ އިންތިޚަބަކާ ނުލައިކަމަށް ވީހިނދު އަދި ފެބްރުއަރީ 6،7،8 ގައި ދިވެހިންގެ ލޯތަކުން ދުއް މަންޒަރުތަކަކީ އެއްވެސް ޙާލެއްގައި ޤަބޫލު ކުރެވޭނެ ކަންކަން ނޫންކަން އެމް.ޑީ.ޕީން ޤަބޫލުކުރެއެވެ. އަދި ވެރިކަމުގެ ނިޒާމު ކިލަނބުވެ އިންތިހާބަކާ ނުލައި ފުލުހުންނާއި ސިފައިން އިހުތިޖާޖުކޮށްގެން ވެރިކަން ބަދަލު ކުރުމަކީ ޅަފަތުގައިވާ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ކުރިމަތިވި ގޮންޖެހުމެއްކަމުގައި އެމް.ޑީ.ޕީން ދެކެއެވެ. ކަންމިހެން އޮތުމާއެކު ކޯނީގެ ރިޕޯޓު ނެރެފައިވާވުން ފާހަގަކޮށް އެމް.ޑީ.ޕީން ވަނީ އެރިޕޯޓުގެ ލީގަލް އެނަލިސިސްއެއް ހަދާފައެވެ. ލީގަލް ރިވިއު ހައްދަވާފައިވަނީ ސްރީލަންކާގެ މަޝްހޫރު 3 ލޯޔަރުންގެ ޓީމަކުން ސްރީލަންކާގެ ކުރީގެ އެޓަރނީ ޖެނެރަލް މިސްޓަރ ޝިބްލީ އަޒީޒް އިސްކޮށް ހުންނަވައިގެންނެވެ. މިސްޓަރ އަޒީޒްގެ އިތުރުން މިރިވިއު ހެއްދެވުމުގައި ބައިވެރިވެވަޑައިގެންނެވީ ސްރީލަންކާގެ ސުޕްރީމްކޯޓުގެ ލޯޔަރުން މިސް އަނީތާ ޕެރޭރާ އަދި މިސްޓަރ ސެނާނީ ދަޔަރަތްނެ އެވެ.
މި ލީގަލް ރިވިއު ހެއްދެވުމުގައި މިނިވަންކަމާއި އެއްވެސް ފަރާތަކަށް ބުރަނުވާ ގޮތަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ރިޕޯޓުގެ ފެށުމުގައި ބަޔާންކޮށްފައިވެއެވެ. ރިވިއު ހެއްދެވުމުގައި ބައްލަވަފައިވަނީ ކޯނީގެ މަސައްކަތު ބަޔާނަށައި، އުސޫލީ މައްސަލަތަކަށާއި، ބަޔާންތަކަށާއި ހެކި ހޯއްދެވުމުގައި ކޮމިޝަނުން އަމަލު ކުރައްވާފައިވާ ގޮތަށާއި އަދި ޤާނޫނީ ހަމަތަކާއި އުސޫލީ މައްސަލަތަކުގެ މައްޗަށެވެ.
މިކަންތައްތަކަށް ބެއްލެވުމަށްފަހުގައި ރިޕޯޓު އެކުލަވާލެއްވި ޓީމުން ނިންމެވީ:
1. ކޮމިޝަނުގެ އިޖްރާޢަތުތައް ކުރިއަށް ގެންގޮސްފައިވަނީ ވަރަށްބޮޑަށް އުނި އުސޫލުތަކެއްގެ މައްޗަށް ބިނާކޮށްގެންކަމަށް.
2. ކޮމިޝަންގެ ހޯދުންތައް ދިރާސާކުރުމަށްޓަކައި ބޭނުންކުރި ޤާނޫނީ ތަރަހަތަކާމެދު ކަނޑައެޅިގެން ވަރަށް ބޮޑަށް ސުވާލުއުފެދޭކަމަށް.
3. ކޮމިޝަނުގެ މެންޑޭޓުގައި އެއްކަމެއްގެގޮތުގައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ އިސްތިއުފާއަކީ ޤާނޫނީގޮތުން ސައްޙަގޮތުގައި ހިނގާދިއަ އިސްތިއުފާއެއްތޯ ބެލުންކަމަށްވެފައިވީނަމަވެސް، ކޮމިޝަނުން އެކަން ބެލުމުން އެއްކިބާވުމަށްފަހު ބަލާފައިވަނީ މުޙައްމަދު ނަޝީދު ރައީސްލުލް ޖުމްހޫރިއްޔާކަމުން ވަކިކުރަންޖެހުނު ސަބަބުގެ ޖާއިޒުކަން ހާމަކުރުންކަމަށް.
އެމް.ޑީ.ޕީން ވަނީ މިރިޕޯޓު ކަމާބެހޭ އެންމެހާ ފަރާތްތަކާވެސް ހިއްސާކުރައްވާފައެވެ.
ކޯނީ ރިޕޯޓުގެ މިޤާނޫނީ ރިވިޔު ބައްލަވާލެއްވުމަށް ތިރީގައިމިވާ ލިންކަށް ފިތާލާށެވެ.
A Legal Review of the Report of the Commission of National Inquiry (CoNI) Maldives