އެމްޑީޕީގެ ވެރިކަމެއް އަލުން ގާއިމްކުރެވޭތާ 48 ގަޑިއިރުގެ ތެރޭގައި އާސަންދައިގެ ޚިދުމަތަކީ ކުރިން ވެސް އޮތްގޮތަށް 100 އިންސައްތަ ހިލޭ ފޯރުކޮށްދެވޭ ޚިދުމަތަކަށް އަލުން ހައްދަވައިދެއްވާނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށީ ދާއިރާގެ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ރ.އަލިފުށީ ހަވީރިނާޒް މުއުމިނާ ޢީސާފުޅަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީން މިހާރު ރ. އަތޮޅަށް ކުރަމުން ގެންދާ ދަތުރުގައި މިއަދު އަނގޮޅިތީމަށް ވަޑައިގެން އެރަށު އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެއް ވައުދު ކަމަށްވާ ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމުގެ ވައުދު ފުއްދުމަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ އާސަންދަ ނިޒާމަށް މި ސަރުކާރުން ބަދަލު ގެނެސް ރައްޔިތުންގެ އަތުން އާސަންދައިގެ ޚިދުމަތަށް އަގު ނަގަން ފަށާފައި ވުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފްތަކެއް އުފުލަން ޖެހިފައިވާ ކަމަށާއި، އެހެން ކަމުން އަލުން އެމްޑީޕީގެ ސަރުކާރެއް ގާއިމްކުރެވުމާއެކު އެ ނިޒާމް ކުރިން އޮތްގޮތަށް 100 އިންސައްތަ ހިލޭ ފޯރުކޮށްދޭން ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ކެންޑިޑޭޓް މުއުމިނާ އީސާފުޅު ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް އޭނާ ނިންމީ އެމްޑީޕީގެ ސިޔާސަތުތަކަކީ ރައްޔިތުންގެ ހެވާއި ލާބައާއި ކުރިއެރުމަށް އިސްކަންދީގެން އެކުލަވާލާފައިވާ ސިޔާސަތުތަކެއް ކަމަށްވާތީ ކަމަށާއި، ޚާއްސަކޮށް ބޭސް ފަރުވާއަށް ސަލާން ޖެހުން ނައްތާލުމުގެ ވައުދާއި، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން އެމްޑީޕީން އެކުލަވާލާފައިވާ ސިޔާސަތުތަކަށް އޭނާ ވަރަށް ބޮޑަށް ތައުރީފްކުރެއްވިއެވެ.
އެމްޑީޕީގެ އިސް ލީޑަރު ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި މިއަދު އަނގޮޅިތީމު ކައުންސިލް އިދާރާއާއި، ހެލްތުޕޯސްޓާއި، ސުކޫލަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ އާންމު ހާލަތު ބައްލަވާލެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސް ނަޝީދު މިހާރު ހުންނެވީ ރަސްގެތީމުގައެވެ. އަދި އެއަށްފަހު މިއަދު މެންދުރުފަހު ވާދޫ އަށް ވަޑައިގަންނަވާނެއެވެ. އެ 2 ރަށުގައި ވެސް ރަށުތެރެ ބައްލަވާ ލައްވާ އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިއަދު ހަވީރު އަލިފުއްޓަށް ވަޑައިގެން އެރަށުގައި ދޮރުންދޮރަށް އެމްޑީޕީން ކުރާ ކެމްޕެއިނާއި، އަލިފުށީގައި މިރޭ ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.