އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ، އެމްޑީޕީގެ އިސް ވަފްދެއް މިރޭ ރ. އަތޮޅަށް ފުރާ ވަޑައިގަންނަވާނެއެވެ.
ރ. އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށީ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ރ.އަލިފުށީ ހަވީރިނާޒް މުއުމިނާ ޢީސާފުޅަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީން ކުރާ މި ދަތުރުގައި އެ ދާއިރާގެ 4 ރަށް ކަމަށްވާ އަނގޮޅިތީމް، ރަސްގެތީމް، ވާދޫ އަދި އަލިފުއްޓަށް ޒިޔާރަތްކުރާ އިރު، މި ވަފްދުގައި އެމްޑީޕީގެ އެންމެ އިސް ސަފުގައި ގުނާލެވޭ ފަރާތްތައް ހިމެނެއެވެ. އެގޮތުން މިދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އެޕާޓީގެ އެންމެ އިސް ލީޑަރު ރައީސް މުޙަންމަދު ނަޝީދާއި، އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބުރާހީމް ޙުސައިން ޒަކީ ހިމެނިވަޑައިގަންނަވާނެއެވެ.
މި ވަފްދުގެ ބޭފުޅުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އަނގޮޅިތީމަށެވެ. އެއަށްފަހު ރަސްގެތީމް އާއި ވާދޫއަށް ވަޑައިގަންނަވާނެއެވެ. މއިން ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ފަހު މާދަމާރޭ އަލިފުއްޓަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީ އަލިފުށީ ދާއިރާގެ ރައީސް މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވިއެވެ.
ރ.އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށި ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2012 ސެޕްޓެމްބަރ 22 ވާ ހޮނިހިރު ދުވަހު އެވެ.