އެކިއެކި ތުޙުމަތުތަކުގައި އައްޑު އަތޮޅުން ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ޚާއްސަ ފަންޑު ފޮއްޓެއް ބެހެއްޓުމަށް އައްޑޫ ދާއިރާއިން ނިންމައިފިއެވެ.
އައްޑޫ ސިޓީގެ ރައީސް އަޙްމަދު އަދުހަމް ވިދާޅުވީ، މަރަދޫ ދާއިރާއިން އިސްނަގައިގެން ބަހައްޓާ މި ފަންޑު ފޮށި އެރަށުގެ އިތުރުން މާލޭގެ އުސްފަސްގަނޑުގައި ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އައްޑޫ ސިޓީގައި މިރޭ އޮންނަ އެމްޑީޕީގެ ޖަލްސާގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މި ފަންޑު ފޮއްޓަށް އެކަށީގެންވާ ތަރުޚީބެއް ލިބިގެންދާނޭކަމަށް އުއްމީދު ކުރައްވާ ކަމަށް އަދުހަމް ވިދާޅުވިއެވެ.
“އައްޑު އަތޮޅުން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި 42 މީހަކު. އަޅުގަނޑުމެން ބޭނުންވަނީ މި މީހުންނަށް ކޮންމެވެސް ވަރެއްގެ އެހީއެއް އަޅުގަނޑުމެންގެ ދާއިރާގެ ފަރާތުން ފޯރުކޮށް ދިނުމަށް. އެގޮތުން އަޅުގަނޑުމެން ވިސްނީ މިރޭ އޮންނަ ޖަލްސާގައި ފަންޑު ފޮއްޓެއް ބެހެއްޓުމަށް. އަދި އުސްފަސްގަނޑުގައި ބެހެއްޓުމަށް މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ” އަދުހަމް ވިދާޅުވިއެވެ.